ކިއުބާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، ދެ ގައުމުގެ މެދުގައި ސުލްހަވެރި އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ކުޑަ ކަމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
ރޫބިއޯ މިހެން ވިދާޅުވެފައި މިވަނީ، 1996 ވަނަ އަހަރު އެމެރިކާގެ ރައްޔިތުން ދަތުރުކުރި ދެ މަތިންދާބޯޓެއް ވައްޓާލައި، އެމެރިކާގެ ރައްޔިތުން މަރާލި މައްސަލައިގައި ކިއުބާގެ ކުރީގެ ރައީސް ރައުލް ކާސްޓްރޯގެ މައްޗަށް މަރުގެ ދައުވާ އެމެރިކާއިން އުފުލިތާ އެއްދުވަސް ފަހުންނެވެ.
ރޫބިއޯ ވިދާޅުވީ ވޮޝިންޓަނުން ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށެވެ. ނަމަވެސް، ކޮންމެ ނުރައްކަލަކުން ގައުމު ސަލާމަތްކުރުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިގެންވާ ހައްގަކާއި އަދި އަދާކުރަންޖެހޭ ވާޖިބެއްކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ކިއުބާގެ ފޮރިން މިނިސްޓަރު ބްރޫނޯ ރޮޑްރިގޭޒް ވަނީ ރޫބިއޯ ހައްދަވަނީ އިތުރުފުޅު ކަމަށް ތުހުމަތުކުރައްވައި، ކިއުބާއަކީ ދުވަހަކުވެސް އެމެރިކާއަށް އޮތް ނުރައްކަލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ކިއުބާއާއެކު އޮތް ގުޅުން ހައްލުކުރުމަށް އަދިވެސް އިސްކަންދެނީ ޑިޕްލޮމެސީއަށް ކަމަށެވެ. "ތެދަށް ބުނާނަމަ، މިހާރު ކަންތައްތައް ހުރިގޮތުން އެފަދަ ހައްލަކަށް އާދެވުމުގެ ފުރުސަތު ވަރަށް ކުޑަ" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، މުޅި ސަރަހައްދުގައިވެސް ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ގައުމަކީ ކިއުބާ ކަމަށް ރޫބިއޯ ތުހުމަތު ކުރެއްވުމުން، ރޮޑްރިގޭޒް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ވަރަށް ބޮޑަށް ދޮގުކުރައްވާފަ އެވެ. ކިއުބާގެ ފޮރިން މިނިސްޓަރު ވަނީ ރޫބިއޯ މަސައްކަތް ކުރައްވަނީ އަސްކަރީ ހަމަލާއަކަށް ހިތްވަރު ދެއްވަން ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ. އަދި އެމެރިކާ ސަރުކާރުން ދަނީ ރަހުމެއް ނެތް ގޮތަކަށް އަދި ނިޒާމީ ގޮތެއްގައި ކިއުބާއަށް ހަމަލާދެމުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެމެރިކާއިން ތެލުގެ މުއާމަލާތްތަކަށް ހުރަސްއަޅަމުންދާތީ ކިއުބާއަށް ވަނީ ހަކަތައިގެ ބޮޑު ކްރައިސިސްއަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެއިތުރުން، ޓްރަމްޕްގެ ސަރުކާރުން ދަނީ އެއްބަސްވުމަކަށް އައުމަށް ކިއުބާއަށް ބާރުފޯރުވަމުންނެވެ. ފާއިތުވި މަސްތަކުގައި ކިއުބާގެ ރައްޔިތުންނަށް ވަނީ ގިނަ ވަގުތުތަކެއް ވަންދެން ކަރަންޓު ކެނޑުމާއި ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހިފަ އެވެ.
ރޫބިއޯ ވިދާޅުވި ގޮތުގައި، އިންސާނީ އެހީގެ ގޮތުގައި އެމެރިކާއިން ހުށަހެޅި 100 މިލިއަން ޑޮލަރުގެ އެހީ ކިއުބާއިން މިހާރު ވަނީ ގަބޫލުކޮށްފަ އެވެ.
ރައީސް ޓްރަމްޕް ދަނީ ތަކުރާރުކޮށް ކިއުބާއަށް ފިއްތުންތައް ކުރިމަތިކުރައްވަމުންނެވެ. އަދި އެ ގައުމުގެ ކޮމިއުނިސްޓް ސަރުކާރު ވައްޓާލުމާ ބެހޭގޮތުން ފާޅުގައި ވާހަކަދައްކަވާފައިވެއެވެ. އެމެރިކާއިން ވަނީ ކިއުބާގެ ސިޔާސީ އަދި އިގްތިސާދީ އިސްލާހުތަކަށް ގޮވާލާފަ އެވެ. އޭގެ ތެރޭގައި، ބޭރުގެ އިންވެސްޓްމަންޓްތަކަށް އިގްތިސާދު ހުޅުވާލުމާއި، ރަޝިޔާ ނުވަތަ ޗައިނާގެ އިންޓެލިޖެންސް އެޖެންސީތައް އެ ގައުމުގައި ހަރަކާތްތެރިވުން ހުއްޓާލުން ހިމެނެއެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ކިއުބާގެ ކުރީގެ ރައީސްގެ މައްޗަށް އުފުލި ދައުވާއަކީ، ޖެނުއަރީ މަހު ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތާ އެއްފަދަ ކަމެކެވެ. ކާސްޓްރޯ އެމެރިކާއަށް ގެނެސް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނީ ކިހިނެއްތޯ ނޫސްވެރިން ސުވާލުކުރުމުން، ރޫބިއޯ ވިދާޅުވީ އެކަމާ ގުޅޭ ރޭވުންތައް މީޑިއާގައި ހާމަނުކުރައްވާނެ ކަމަށެވެ.
އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، ކާސްޓްރޯ އަމިއްލައަށް ނުވަތަ އެހެން ގޮތަކުން ނަމަވެސް އެމެރިކާއަށް ހާޒިރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެއިތުރުން، ކިއުބާގެ އިގްތިސާދުގެ އެންމެ ފައިދާބޮޑު ބައިތައް ކޮންޓްރޯލްކުރާ އަސްކަރީ ކުންފުނީގެ އިސް އޮފިޝަލެއްގެ ކޮއްކޮ، އެޑިސް ލާސްޓްރޭސް މޮރޭރާ އެމެރިކާއިން ހައްޔަރުކޮށްފައިވާކަން ރޫބިއޯ ވަނީ އިއުލާންކުރައްވާފަ އެވެ. ރޫބިއޯ ތުހުމަތު ކުރެއްވި ގޮތުގައި، މޮރޭރާ ފްލޮރިޑާގައި ދިރިއުޅެމުން ދިޔައީ ކިއުބާގެ ކޮމިއުނިސްޓް ސަރުކާރަށް އެހީތެރިވަމުންނެވެ. އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކިއުބާއަކީ ނާކާމިޔާބުވެފައިވާ ގައުމެއް ކަމަށާއި، އޭނާގެ ސަރުކާރުން މަސައްކަތް ކުރަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެމެރިކާގައި ތިބި ކިއުބާ ދަރިކޮޅުގެ މީހުން ބޭނުންވަނީ އެނބުރި ގައުމަށް ގޮސް، ގައުމު ކުރިއަރުވަން ކަމަށްވެސް ވިދާޅުވި އެވެ.
"ޕްރިޒަވޭޓިވްސް"ގެ ސަބަބުން ހިތުގެ ބަލިތައް ޖެހޭ!
ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުން މުސާރަ ކުޑަކޮށްފި
ސިޓިންރޫމްގެ ފުރިހަމަކަން ގެއްލުވާލާ އާއްމު 5 ގޯހެއް!