ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޙަމަލާ ހިންގުމުގައި ހަތަރު މީހަކާ މެދުގައި ޝައްކު ކުރެވޭތީ އެކަންތައްތައް ބަލަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ރޭ ދިން ހަމަލާ މިހާރު ތަހުގީގު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ނޫސްވެރިނަށް މައުލޫމަތު ދެއްވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ ރޭ ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގު ޓީމުގައި ސީދާ ގޮތުން 455 ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަނީ އެންމެ ޕްރިއޯރިޓީ މައްސަލައިގެ ގޮތުގައިކަން ފާހަގަ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ރޭގެ ހަމަލާގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓެލްގެ މަސައްކަތެއް ނުހުއްޓޭ. އެއީ ހުއްޓޭނެ މަސައްކަތެއް ވެސް ނޫން. އެކަމަކު އަޅުގަނޑުމެންނަކަށް ރޭގެ އިންޓެލްއެއް ނުލިބޭ. އެ ނުލިބުނީ ކީއްވެގެންތޯ އެކަން ބަލާ ފަރާތްތަކުން ބަލަން ޖެހެނީ،" ހަމީދު ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގަށް ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުން ދެ ތަޖުރިބާކާރަކު އެހީތެރިވުމަށް ފަށާފައިވާއިރު މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއާގެ ޓީމެއްވެސް އައުމަށް ވަނީ ހަމަޖެހިފައި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާގައި އެމަނިކުފާނަށް ގިނަ ޒަހަމަތައް ލިބިވަޑައިގެންނެވިއިރު، އަދިވެސް އެމަނިކުފާނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.