މައްކާގެ މަސްޖިދުލް ހަރަމް އަދި މަދީނާގެ މަސްޖިދުއް ނަބަވީއަކީ ކޮންމެ ފަރުޟު ނަމާދަކަށް ފަހު ކަހަލަ ގޮތަކަށް ކަށު ނަމާދު ކުރެވޭ މުގައްދަސް ދެ ބިނާ އެވެ.
މި ދެ މިސްކިތުގައި ކަށު ނަމާދު ފެށުމުގެ ކުރިން މުއައްޒިނުން ކުރާ އިއުލާންތަކަކީ ވަކި ހާއްސަ އިބާރާތްތަކަކުން ކުރެވޭ އިއުލާން ތަކެކެވެ. މަރުވެފައިވާ މީހާގެ ޖިންސާއި އުމުރަށް ބަލައި ކަށު ނަމާދަށް ގޮވާ އިއުލާންތައް ހަތަރު ބަޔަކަށް ބެހިގެންވެ އެވެ.
1. "الصلاة على الأموات يرحمكم الله" (އަލްއަމްވާތު)
މާނަ: "މަރުވެފައިވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމަށް ވަޑައިގަންނަވާ، މާތް ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާށި."
މި އިއުލާން ކުރަނީ ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުން (އަދި ބައެއް ފަހަރު ކުޑަކުދިން ވެސް ހިމެނޭ ގޮތަށް) އެއް ފަހަރާ ނަމާދަށް ނެރެވޭއިރު އެވެ. މިއީ އެންމެ އާއްމުކޮށް އިވޭ އިއުލާނެވެ.
2. "الصلاة على الأموات والطفل يرحمكم الله" (އަލްއަމްވާތު ވައްތިފްލު)
މާނަ: "މަރުވެފައިވާ މީހުންނާއި (ފިރިހެން/އަންހެން) ކުޑަކުއްޖާގެ މައްޗަށް ކަށު ނަމާދު ކުރުމަށް ވަޑައިގަންނަވާ، މާތް ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާށި."
މި އިޢުލާން ކުރަނީ މަރުވެފައިވާ ބޮޑެތި މީހުންގެ އިތުރުން ވަކި އެއް ކުޑަ ކުއްޖަކު ޖަނާޒާގައި ހިމެނޭނަމަ އެވެ.
3. "الصلاة على الأموات والأطفال يرحمكم الله" (އަލްއަމްވާތު ވައްއަތުފާލު)
މާނަ: "މަރުވެފައިވާ މީހުންނާއި ކުޑަކުދިންގެ މައްޗަށް ކަށު ނަމާދު ކުރުމަށް ވަޑައިގަންނަވާ، މާތް ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާށި."
ޖަނާޒާގައި ބޮޑެތި މީހުންގެ އިތުރުން އެކަކަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭނަމަ ބޭނުން ކުރަނީ މި އިބާރާތެވެ.
4. "الصلاة على الغائب يرحمكم الله" (އަލްޣައިބު)
މާނަ: "ޣައިބަށް (ހާޒިރުވެ ނެތް މީހާގެ މައްޗަށް) ކަށުނަމާދު ކުރުމަށް ވަޑައިގަންނަވާ، މާތް ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާށި."
މިއީ މައްޔިތާގެ ހަށިގަނޑު ކުރިމަތީގައި ނެތް ނަމަވެސް، ދުނިޔޭގެ އެހެން ގައުމެއްގައި ނުވަތަ ރަށެއްގައި ނިޔާވި މުސްލިމް ލީޑަރެއް ނުވަތަ ހާއްސަ ޝަހްސިއްޔަތެއްގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރާއިރު ކުރެވޭ އިއުލާނެކެވެ.
ކަށުނަމާދުގެ ދުއާ ބަދަލުވާ ގޮތް
މުއައްޒިން ކުރާ އިއުލާނަށް ބަލައި ނަމާދުގައި ބައިވެރިވާ މައުމޫމުން ތިންވަނަ ތަކުބީރަށް ފަހު ކުރާ ދުއާގެ އިބާރާތް ބަދަލު ކުރަން ޖެހޭނެ އެވެ.
- ނިޔާވީ ފިރިހެނެއް ނަމަ: "اللَّهُمَّ اغْفِرْ لَهُ..." (ލަހޫ)
- ނިޔާވީ އަންހެނެއް ނަމަ: "اللَّهُمَّ اغْفِرْ لَهَا..." (ލަހާ)
- ނިޔާވީ ކުޑަ ކުއްޖެއް ނަމަ: ފާފަ ފުއްސެވުމުގެ ބަދަލުގައި އެކުއްޖާއަކީ އޭނާގެ މައިންބަފައިންނަށް ސުވަރުގޭގެ ޝަފާއަތްތެރިއެއް ކަމުގައި ލެއްވުމަށް އެދި ދުއާކުރެ އެވެ.
މި އިއިލާންތަކުގެ ސަބަބުން، ހަރަމްފުޅުގައި ތިބޭ އެތައް މިލިއަން މުސްލިމުންނަށް ކުރިމަތީގައި އޮތީ ކާކުގެ ޖަނާޒާއެއްކަން އެނގި، އެ މީހަކަށް އެންމެ އެކަށީގެންވާ ގޮތަށް ދުއާ ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު
ޔުރޭނިއަމް ބޭރުކުރަން އެއްބަސްވި ވާހަކައަކީ ދޮގު: އީރާން
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި