ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއްކަން އެންމެންނަށް އެނގޭ ނަމަވެސް މިއީ ހުއްޓާލަން އެންމެ އުނދަގޫ އެއް އާދަ އެވެ.
މެއި 31 ގައި ފާހަގަކުރާ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ" ދިމާކޮށް، ފުއްޕާމޭގެ ބަލިތަކާ ބެހޭ މާހިރު ޑރ. ހަރިޝް ކުމާރު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީތެރި ވެދޭނެ ހަތަރު ފިޔަވަޅަކާއި ދުންފަތް ބޭނުންކުރާ މީހުން ސަމާލުވާން ޖެހޭ ހަ ނުރައްކަލުގެ ނިޝާނެއް ހިއްސާ ކުރައްވާފަ އެވެ.
ޑޮކްޓަރު ވިދާޅުވާ ގޮތުގައި ހަމައެކަނި "އަމިއްލަ އަޒުމުން" މި އާދައިން ދުރު ވެވޭނީ އެންމެ ފަސް ޕަސެންޓް މީހުންނަށެވެ. އެހެންކަމުން ސައިންޓިފިކް ފިޔަވަޅު ތަކެއްގެ އެހީ ހޯދުން މުހިންމެވެ.
ދުންފަތް ހުއްޓާލުމަށް ޑޮކްޓަރު ދެއްވާ 4 ފިޔަވަޅު
- ދުންފަތް ހުއްޓާލާނެ ދުވަހެއް ކަނޑައެޅުން: އަވަސް އަރުވާލާފައި ހުއްޓާލުމުގެ ބަދަލުގައި، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރެއިން ވަކި ދުވަހެއް "ކުއިޓް ޑޭ" އެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް ނަފްސާނީ ގޮތުން ތައްޔާރުވާށެވެ.
- އެހީތެރިވާނެ މީހުންނަށް އެންގުން: ތިމާގެ އާއިލާއަށާއި ރައްޓެހިންނަށް ދުންފަތް ހުއްޓާލަން އުޅޭކަން އަންގާށެވެ. އެމީހުންގެ ހިތްވަރަކީ ދުންފަތަށް ހިތް އެދޭ ވަގުތުތަކުގައި ސަލާމަތް ވުމަށް ލިބޭނެ އެންމެ ބޮޑު ބާރެވެ.
- ދުންފަތަށް ހިތް ކިޔާ ކަންކަމުން ދުރުވުން: އާންމުކޮށް ސިނގިރޭޓް ބޯން ހިތްވަނީ ކޮން ވަގުތެއްގައިތޯ ދެނެގަންނާށެވެ. (މިސާލަކަށް: ކޮފީ ބޯގަޑީގައި ނުވަތަ ކެއުމަށްފަހު). އެ ވަގުތު ތަކުގައި ސިނގިރޭޓުގެ ބަދަލުގައި ހަކުރުނެތް ޗުއިންގަމް ނުވަތަ ފެންފޮދެއް ބުއިން ފަދަ އާދައަކަށް ބަދަލު ކުރާށެވެ.
- ޑޮކްޓަރެއްގެ އެހީގައި ފަރުވާ ހޯދުން: ނިކޮޓިންއަށް ދެވިހިފާފައި ހުންނަ މިންވަރު ބޮޑުކަމުން، މެޑިކަލް އެހީތެރިކަން ބޭނުން ވެދާނެ އެވެ. ޑޮކްޓަރެއްގެ އިރުޝާދާއެކު "ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ" (ޕެޗް ނުވަތަ ގަމްސް) ނުވަތަ އެކަމަށް ހާއްސަ ބޭސް ބޭނުން ކުރުމުން ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވެ އެވެ.
އިހުމާލުވެގެން ނުވާނެ 6 ނުރައްކަލުގެ ނިޝާން
ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްގެ ހަށިގަނޑުން ތިރީގައިވާ އަލާމާތްތައް ފެންނަނަމަ އެއީ ފުއްޕާމޭގެ ބަލިތައް (COPD)، ހާޓް އެޓޭކް ނުވަތަ ކެންސަރުގެ ކުރިމަތީ އަލާމާތް ތަކަކަށް ވެދާނެތީ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން ޖެހެ އެވެ.
- ދިގުލާފައިވާ ކެއްސުން: 3 ހަފުތާއަށްވުރެ ދިގުލައިގެންދާ ކެއްސުން.
- ނޭވާ ކުރުވުން ނުވަތަ އުނދަގޫވުން: ކުޑަކޮށް ހިނގާލުމުން ނުވަތަ ސިޑިއަކުން އަރާއިރު މާ ބޮޑަށް މާނޭވާ ލެވުން
- ކެއްސާއިރު ލޭއައުން: މިއީ ފުއްޕާމޭގެ ސީރިއަސް މައްސަލައެއްގެ ނިޝާނެކެވެ.
- މޭގައި ރިއްސުން: ނޭވާލާއިރު ނުވަތަ ކެއްސާއިރު މޭގެ މަސްތަކަށް ބާރުވުން ނުވަތަ ރިއްސުން.
- އަޑު ބަދަލުވުން: އަޑު ކުރެހި، ގިނަ ދުވަސްތަކެއް ވަންދެން އަޑަށް އައި ބަދަލު ރަނގަޅުނުވުން.
- ސަބަބެއް ނެތި ބަރުދަން ލުއިވުން: ކެއުމުގެ އާދައަށް ބަދަލެއް ނައިސް ކުއްލިއަކަށް ހަށިގަނޑުން ބަރުދަން ލުއިވުން.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށްފަހު ފުރަތަމަ 20 މިނިޓުގެ ތެރޭގައި ވިންދު ހަމައަކަށް އެޅެ އެވެ. އަދި އެއް އަހަރު ވާއިރު ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް ކުޑަ ވެގެންދެ އެވެ. އެހެންކަމުން ހުއްޓާލަން ދުވަހަކު ވެސް ލަހެއް ނުވާނެ އެވެ.
ދިރާގު އީދު ބޮނޑިބަތައް ބޮޑު ތަރުހީބެއް!
އީރާނުގެ އިންޓަނެޓް އިއާދަކުރަން އެންގި ރިޔާސީ އިދާރާ ސަސްޕެންޑް
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!