އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ހދ. ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގައި ތަފާތު ސިޔާސީ މާލިތަކެއް ދައްކާލައިފި އެވެ.

ކޮންމެ އަހަރެއްގެ އީދުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކުޅުދުއްފުށީ މާލި ޕެރޭޑަކީ ވަރަށް ހުނަރުވެރި މަސައްކަތްތަކެއް ފެނިގެންދާ ފޯރިގަދަ ޕެރޭޑެކެވެ. ޕެރޭޑްގައި ގިނަ މެސެޖްތަކެއް ފޯރުކޮށްދޭ އިރު، ގައުމުގައި އެ ދުވަސްވަރު ހިނގާ އެންމެ ގިނަ ބަޔަކު އެ ވާހަކަތައް ދައްކާ ކަންކަން ވަރަށް "ސަޅިކޮށް" އަބަދުވެސް ޕެރޭޑްގައި ގެނެސްދެ އެވެ. ސަރުކާރަށް ދޭން ބޭނުންވާ މެސެޖުތަކާއި ރައްޔިތުން ނުރުހޭ ކަންކަން ވެސް މި ޕެރޭޑް ބަލާލުމުން އެނގެ އެވެ.

ކުޅުދުއްފުށި މާލި ޕެރޭޑް 2026 ގައި ޑޮލަރުގެ އަގާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މާލި--- ފޮޓޯ: ސޯޝަލް މީޑިއާ

މަށިމާލި ޕެރޭޑް މިއަދު ބާއްވާފައިވާއިރު، މިފަހަރު ވެސް ގައުމުގެ އެކި މައްސަލަތަކާއި ސިޔާސީ ކަންކަމާ ގުޅޭ ތަފާތު މާލިތައް ފެނިގެން ގޮސްފައިވެ އެވެ.

އެގޮތުން މިފަހަރުގެ ޕެރޭޑްގައި ފާހަގަކޮށްލެވޭ މަޖާ އެތައް މާލިތަކެއް ފެނިގެން ދިޔަ އެވެ.

ކުޅުދުއްފުށި މާލި ޕެރޭޑް :2026 : ދަންވަރު ގުޅާ ސޮރު މާލި --- ފޮޓޯ: ސޯޝަލް މީޑިއާ

ބައެއް މާލިތައް ހާއްސަކޮށްފައިވަނީ ސަރުކާރާ ގުޅޭ ބައެއް ކަންކަމަށެވެ. އޭގެ ތެރޭގައި ދެއްކުން މަނާކޮށްފައިވާ އެ "ސޯފާ"ގެ ވާހަކަތައް ވެސް މާލި ޕެރޭޑުން ފެނިގެން ދިޔަ އެވެ. މި ފަހަރު ސޯފާގެ ވާހަކަ ގެނެސްދީފައި ވަނީ "ވަޑިފަތި ޖޯލިފަތި"ގެ ނަމުގަ އެވެ. މީގެ އިތުރުން ދާދި ފަހުން ޖަލަށްލި އަދަދުގެ ދެ ނޫސްވެރިންގެ މާލި ވެސް ގެނެސްދީފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ތަރުޖަމާނަކަށް ދާދިފަހުން އައްޔަންކުރި މުހައްމަދު ހުސައިން ޝަރީފް (މުންދު) ބާއްވާ ޕްރެސް ކޮންފެރެންސަށް ވެސް ޖޯކު ޖަހާ މާލިއެއް ދައްކާލާފައިވެ އެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ތިން ރައީސުންގެ ބައްދަލުވުމަށް ވެސް ޖޯކު ޖަހާފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ ދެއުޅިއެއްނުވާ ވަރަށް ގިނަ ކަންކަން މި ފަހަރުގެ ޕެރޭޑްގައި ދައްކާލި އެވެ.

މި ޕެރޭޑް ކުޅުދުއްފުށި ސިޓީ ކައުންސިލުން ލައިވްކުރަމުން ދަނިކޮށް ޕެރޭޑުގެ ލައިވް، ފުލުހުން އަންގައިގެން ކަނޑާލި އެވެ. އަދި ސިޓީ ކައުންސިލުން ލައިވް ކުރަން ގެންގުޅުނު އާލާތްތައް ވެސް އަތުލައި ލައިވް ކުރުމަށް ހުރަސް އަޅާފައިވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ޕެރޭޑް ލައިވްކުރީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. މިގޮތުން އެ ޕެރޭޑް ކައުންސިލް ޔޫޓިއުބު ޗެނަލުން ވެސް ލައިވް ކުރި އެވެ. ނަމަވެސް ޕެރޭޑް ފެށިތާ އިރުކޮޅެއް ފަހުން ފުލުހުން ވަނީ ޕެރޭޑް، ޔޫޓިއުބު މެދުވެރިކޮށް ލައިވް ކުރަމުން ދިޔަ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހުރަސް އަޅައި އެ ފީޑު ވަގުތުން މެދުކަނޑާލުމަށް އެންގި ކަމަށް ވެސް އެނގިފައިވެ އެވެ. އަދި ފުލުހުން ވަނީ ލައިވް ކުރަމުން ދިޔަ ވަސީލަތްތައް އަތުލައި މަސައްކަތަށް ވެސް ހުރަސް އެޅި ކަމަށް ވެސް އެނގިފައިވެ އެވެ.

ކުޅުދުއްފުށި މާލި ޕެރޭޑް 2026، ތަރުޖަމާނު--- ފޮޓޯ: ސޯޝަލް މީޑިއާ

ސަގާފީ އެކި ތަފާތު މާލިތައް ވެސް ހިމެނޭ ގޮތަށް ހުށަހަޅައިދިން ކުޅުދުއްފުށީގެ މަށި މާލި ޕެރޭޑަށް މި އަހަރު ވެސް ގިނަ ބައެއް ތައުރީފު ދަނީ އޮހެމުންނެވެ.