ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުއްޕާމެޔާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ.
ނަމަވެސް، މިއީ ހަށިގަނޑުގެ މައިބަދައާއި ކަށީގެ ދުޅަހެޔޮ ކަމަށް ވެސް ހީ ނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗެއްކަން އެނގެނީ މަދު ބަޔަކަށެވެ.
ކަށީގެ ހާއްސަ ސާޖަން ޑރ. އަކިލޭޝް ޔާދަވް ހާމަ ކުރައްވާ ގޮތުގައި ދުންފަތުގައި ހިމެނޭ ނިކޮޓިން އަދި ވިހަ މާއްދާތަކުގެ ސަބަބުން ކަށީގެ ދުޅަހެޔޮ ކަމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނޭދެވޭ އަސަރުތައް ކުރެ އެވެ.
1. ކަށިތަކަށް ލޭ ދައުރުވުން މަދުވުން
ނިކޮޓިންގެ ސަބަބުން ހަށިގަނޑުގެ ލޭހޮޅިތައް ހަނިވެ، މައިބަދައިގެ ކަށިތަކާއި އޭގެ ދޭތެރޭގައިވާ މަޑުކަށިތަކަށް ބޭނުންވާ މުހިއްމު މާއްދާ ތަކާއި އޮކްސިޖަން ލިބުން މަދުވެ އެވެ. މީގެ ސަބަބުން މައިބަދައިގެ މަޑުކަށިތައް އަވަހަށް ހަލާކުވެ ބުރަކަށީގައި ރިއްސުން މެދުވެރިވެ އެވެ.
2. ކަށި ފީވުން
ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ކެލްސިއަމް ހަށިގަނޑަށް ދަމާ މިންވަރު ދަށް ކޮށްދޭ ކަމެކެވެ. ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. މީގެ އިތުރުން، އާ ކަށި އުފައްދައިދޭ ސެލްތައް ކަމަށްވާ "އޮސްޓިއޯބްލާސްޓްސް"ގެ މަސައްކަތަށް މިކަމުގެ ސަބަބުން ހުރަސް އެޅި، ކަށިތައް ބަލިކަށިވެ، ކަށި ފީވުމުގެ ބައްޔަށް މަގުފަހިވެ އެވެ.
3. ކަށި ބިނދުމުގެ ފުރުސަތު ބޮޑުވުން
ކަށިތައް ބަލިކަށިވުމުގެ ސަބަބުން، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އުނަގަނޑާއި ކޮނޑުކަށި އަދި މައިބަދައިގެ ކަށިތައް ބިނދުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ކަށިގަނޑެއް ބިނދިއްޖެނަމަ، އެ ކަށިގަނޑެއް އަލުން ގުޅި ފަސޭހަވުމަށް ހޭދަވާ މުއްދަތުވެސް އާދަޔާ ހިލާފަށް ދިގުވެ އެވެ.
ސާޖަރީތަކަށް ކުރާ އަސަރު
ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކަށީގެ ނުވަތަ މައިބަދައިގެ ސާޖަރީއެއް ކޮށްފިނަމަ، ލޭގެ ހިނގުން ދަށް ވުމުގެ ސަބަބުން ފާރުގަނޑު ފަސޭހަވުން ލަސްވެ، އިންފެކްޝަން އުފެދުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެ އެވެ.
ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް
ކަށިތަކާއި މައިބަދައިގެ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ޑޮކްޓަރުން ލަފާދެނީ ތިރީގައިވާ ކަންތައްތައް ކުރުމަށެވެ.
- ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުން: މިއީ ކަށިތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ. ދުންފަތް ހުއްޓާލުމުން ހަށިގަނޑުގެ ލޭގެ ދައުރުވުން ރަނގަޅުވެ، ކަށިތައް އަމިއްލައަށް މަރާމާތުވާން ފަށަ އެވެ.
- ކެލްސިއަމް އަދި ވިޓަމިން ޑީ ހިމެނޭ ކާނާ ކެއުން: ކިރާއި، ފެހިކަން ގަދަ ފަތްޕިލާވެއްސާއި، ކަށިތައް ވަރުގަދަ ކޮށްދޭ ކާނާ ބޭނުން ކުރުން.
- ގަވާއިދުން ކަސްރަތު ކުރުން: ހިނގުމާއި ކަށިތަކަށް ބާރު ލިބޭ ކަހަލަ ކަސްރަތުތައް ކުރުމުން ކަށީގެ ވަރުގަދަކަން އިތުރުވެ އެވެ.
ބުރަކަށީގެ ރިއްސުމުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި މިއަދުވެސް ދުންފަތާ ދުރުވުން މުހިއްމެވެ.
"ފްރީޑަމް 250"އިން ފަންނާނުން ވަކިވާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ
ހަނގުރާމައާ ހެދި ރަސްމާލެ މަސައްކަތް ކުރަން އުނދަގޫ: ރައީސް