ލީކުވި ޓީޒާތަކާއެކު ސޯޝަލް މީޑިއާގައި ބޮޑު "ހައިޕް" އެއް އުފެދުނު ބިރުވެރި ފިލްމު "އޮބްސެޝަން" ސިނަމާތަކަށް ރިލީޒްވެ، ބެލުންތެރިންނާއި ފާޑުކިޔުންތެރިން ސިއްސުވާލައިފި އެވެ.

ފިލްމު ބެލި ގިނަ ބަޔަކު މިހާރުވެސް ބުނަމުން ދަނީ މިއީ ފަހުގެ ތާރީހެއްގައި އައި އެންމެ ބިރުވެރި އަދި ނަފްސާނީ ގޮތުން އަސަރު ކުރުވި "ސައިކޮލޮޖިކަލް ހޮރޯ" ފިލްމު ކަމަށެވެ.

ފިލްމު ރިލީޒްވުމާއެކު ބޮކްސް އޮފީހުގައި ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ގިނަ ސިނަމާތަކެއްގެ ހައުސްފުލް ޝޯތަކަކަށްފަހު، ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ރިވިއުތައް ވަރަށް ޕޮޒިޓިވް އެވެ.

ހާއްސަކޮށް ފިލްމުގެ ފަހު ބައިގައި ގެނެސްދީފައިވާ ބިރުވެރި "ޓްވިސްޓް" ގެ ވާހަކަ ސޯޝަލް މީޑިއާގައި މިހާރުވެސް ދަނީ ވަރަށް ގަދައަށް ދެކެވެމުންނެވެ.

https://www.youtube.com/watch?v=TaaDkbG3I7g

ހީވެސް ނުކޮށް ތިއްބާ ސިއްސުވާލާ މަންޒްރުތައް ފިލްމުގައި ވަރަށް ގިނަ ކަމަށްވެ އެވެ. އެއާއަކު ލީޑް ކެރެކްޓާގެ "އޮބްސެސިވް" ނުވަތަ މޮޔައެއް ފަދަ ސިފަތައް ދައްކުވައިދިން އެކްޓިންގްއަށް އެންމެންވެސް ދަނީ ތައުރީފު ކުރަމުންނެވެ.

މީގެ އިތުރުން ފިލްމުގެ ކޮންމެ ފްރޭމެއްގައި ވެސް ބިރުވެރިކަމާއި ނުތަނަވަސްކަން އިހުސާސް ކޮށްދޭ އަނދިރި ސިނެމަޓޮގްރަފީ ބޭނުން ކޮށްފައިވެ އެވެ.

ފިލްމު ބެލި މީހުން ބުނާ ގޮތުގައި ޕްރޮމޯޝަންތަކުން ފެންނަނީ ކުޑަ މިންވަރެކެވެ. ފިލްމުގެ ހަގީގީ ބިރުވެރިކަން އޮތީ އޭގެ ވާހަކައިގެ ފުންމިނުގަ އެވެ.

ފާޑުކިޔުންތެރިން ވެސް ވަނީ "އޮބްސެޝަން" އަށް މަތީ ރޭޓިންގްތަކެއް ދީފަ އެވެ. އެމީހުން ފާހަގަކުރާ ގޮތުގައި، ޑައިރެކްޓަރު ވަނީ ބެލުންތެރިންގެ ނަފްސާނީ ބިރާ ކުޅެލުމުގައި 100 ޕަސެންޓް ކާމިޔާބީ ހޯދާފައެ ވެ. މިހާރު ބެލެވޭ ގޮތުގައި މިއީ މި އަހަރު ނިކުތް އެންމެ ކާމިޔާބު ބިރުވެރި ފިލްމަށް ވުމުގެ ފުރުސަތު ބޮޑެވެ.

މި ފިލްމު މިހާރު ސިނަމާތަކުގައި ދައްކަމުން ދާއިރު، މިއީ ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ދޫ ކޮށްލައިގެންވާނެ ފިލްމެއް ނޫނެވެ.