މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ އެ ހަމަލާއާ ގުޅިގެން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން ބާ އިންޖީނުގެ މަގުގައި ހުންނަ ގ. ގަދަފެހިގެ ގޯޅި ތެރޭގައި ފުލުހުން ގެންދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެއީ ސީސީޓީވީ ފްޓޭޖަކުން ނަގާފައިވާ ސުކްރީން ޝޮޓެކެވެ. އެއިން ފެންނަ ގޮތުގައި އެމީހާ ހުރީ މާސްކެއް އަޅައިގެންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ގޮއްވާލާފައި ވަނީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށާއި އެއީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ ވެސް ބާރުގަދަ އެއްޗެއް ކަމަށެވެ.

"މި އައިއީޑީގެ 'ބްލާސްޓް އިފެކްޓް' އާއި މީގެ އަޑާ މިނޫން ކަންކަމަށް ބަލާއިރުވެސް އެތަށް ދަރަޖައެއް މަތި، އަނެއްހެން ވަރަށް ބާރުގަދަ ޑިވައިސްއެއްކަން މިއީ. އަދި މީގެތެރޭގައި ހުރި ގިނަ އަދަދަކަށް ރޭޒާ ފުއްލާފައި. އެއީ ހަމަލާ ވަރުގަދަ ކުރުމަށް،" ޝަމާލް ވިދާޅުވިއެވެ.