ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި އިންޑިއާގެ ގައުމީ އެއާލައިން، "އެއާ އިންޑިއާ" އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެ އެއާލައިނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އިންޑިއާގެ ނިއުދިއްލީ އާއި މާލެއާ ދެމެދު ކުރާ ހުރިހާ ދަތުރުތަކެއް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވަނީ ހުއްޓާލާފަ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ގަދަ 10 އެއްގެ ތެރޭގައި ހިމެނޭ އިންޑިއާ މާކެޓަށް އަންނާނެ ބޮޑު ލޮޅުމެކެވެ.

އެއާ އިންޑިއާގެ މި ކުއްލި ނިންމުމަކީ ހަމައެކަނި ރާއްޖެއަށް އައި ބަދަލެއް ނޫނެވެ. ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮތުން ދިގުލައިގެން ދިއުމާއި، ޖެޓް ފިއުލްގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުމާ ގުޅިގެން އެއާލައިނުން ވަނީ ބައިނަލްއަގުވާމީ ގިނަ ރޫޓުތަކަކަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް އެއާލައިނުން ދަތުރުތައް މެދުކަނޑާލި މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ:

  • ނިއުދިއްލީ - މާލެ
  • ނިއުދިއްލީ - ޝަންހާއީ (ޗައިނާ)
  • ނިއުދިއްލީ - ދާކާ (ބަންގްލަދޭޝް)
  • ޗެންނާއީ - ސިންގަޕޫރު
  • އެމެރިކާގެ ބައެއް މަންޒިލްތައް

މީގެ އިތުރުން ނިއުދިއްލީ އަދި މުމްބާއީން ސިންގަޕޫރަށް ކުރާ ދަތުރުތައް ހިމެނޭހެން، ބޭރުގެ ގިނަ މަންޒިލްތަކަށް ކުރާ ފްލައިޓްތަކުގެ އަދަދު ވެސް އެ އެއާލައިނުން މިހާރު ވަނީ ބޮޑުތަނުން މަދުކޮށްފަ އެވެ.

އެއާ އިންޑިއާއަކީ ފެބްރުއަރީ 21، 1976 އިން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަމުން އަންނަ، ރާއްޖެއާ އެންމެ ގާތް އެއް އެއާލައިނެވެ. އެ އާލައިނުން ބުނީ މި ބަދަލުތަކުގެ ސަބަބުން ދަތުރުވެރިންނަށް ބައެއް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.