ހިތުގެ ބަލިތަކަކީ މިއަދު ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބެވެ. ގިނަ ފަހަރަށް ހިތުގެ ދުޅަހެޔޮކަމަށްޓަކައި މީހުން އިހްތިޔާރު ކުރަނީ ދުވުމާއި ބައިސްކަލް ދުއްވުން ފަދަ އެއިރޯބިކް ކަސްރަތުތަކެވެ.
ނަމަވެސް، 30 އަހަރުގެ މުއްދަތަށް ބިނާކޮށް ހަދާފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި، ހަފްތާއަކު އެންމެ ގަޑިއިރަކު ނަމަވެސް ބަރު އުފުލުމުގެ ކަސްރަތު ކުރުމަކީ ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 40 ޕަސެންޓާއި 70 ޕަސެންޓާ އާ ދެމެދުގެ އަދަދަކަށް ކުޑަ ކޮށްދޭ ކަމެކެވެ.
މި ދިރާސާގެ އެންމެ ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ބަރު އުފުލުމުގެ ސަބަބުން ހިތަށް ލިބޭ މި ފައިދާއަކީ ދުވުން ފަދަ ކާޑިއޯ ކަސްރަތުތައް ނުކުރި ކަމުގައި ވިޔަސް ލިބޭ ފައިދާއެއް ކަމަށް ދެއްކުމެވެ.
ބަރު އުފުލުމުން ހިތަށް ފައިދާވަނީ ކިހިނެއް؟
މާހިރުން ހާމަކުރާ ގޮތުގައި، މަސްތައް ވަރުގަދަކުރުމަށް ކުރާ ކަސްރަތުތަކުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދެ އެވެ. މީގެ އިތުރުން:
- ލޭގެ ހިނގުން ރަނގަޅުވުން: ބަރު އުފުލުމުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ލޭ ފޮނުވައިދޭން ހިތަށް ކުރަންޖެހޭ މަސައްކަތް ލުއިވެގެންދެ އެވެ.
- ކޮލެސްޓްރޯލް ދަށްވުން: ހަށިގަނޑުގައި ހުންނަ ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްކޮށް ރަނގަޅު ކޮލެސްޓްރޯލް (އެޗްޑީއެލް) މަތިކޮށްދެ އެވެ.
- ލޭގެ ޕްރެޝަރު ކޮންޓްރޯލްވުން: ގަވާއިދުން ބަރު އުފުލާ މީހުންގެ ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންގަނޑެއްގައި ހިފެހެއްޓިފައި ހުރެ އެވެ.
ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ޖިމްއަށް ގޮސް ބޮޑެތި ބަރުތައް އުފުލުން މަޖުބޫރެއް ނޫނެވެ. ގޭގައި ހުރެގެން ޑަމްބެލްސް ބޭނުން ކުރުން، ޕުޝް-އަޕްސް ހެދުން ނުވަތަ ރެސިސްޓެންސް ބޭންޑްސް ބޭނުންކޮށްގެން ކުރާ ކަސްރަތުންވެސް މި ފައިދާ ހާސިލް ކުރެވޭނެ އެވެ.
ކޮންމެ ދުވަހަކު ކުރަންޖެހޭތަ؟
ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުގައި މި ނަތީޖާ ހާސިލް ކުރުމަށްޓަކައި ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް ކަސްރަތު ކުރުމުގައި ހޭދަ ކުރާކަށް ނުޖެހެ އެވެ. ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު،ޖުމްލަ ގަޑިއިރެއްހާ އިރު ބަރު އުފުލުމުގެ ކަސްރަތަށް ހޭދަ ކޮށްލުމުން ވެސް ހިތުގެ ދުޅަހެޔޮކަން އިތުރުވެ އެވެ.
އެހެންކަމުން، އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަމައެކަނި ހިނގާލުމުން ފުއްދާލުމުގެ ބަދަލުގައި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރާނެ ކަސްރަތެއް ދިރިއުޅުމުގެ އާދައަކަށް ހެދުމަކީ ކުއްލި ހާޓް އެޓޭކްތަކުން ސަލާމަތް ވުމަށް އޮތް އެންމެ ބޮޑު އެއް ހައްލެވެ.
ފިޗުން ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި
އީރާނާއި އެމެރިކާގެ ހަމަލާތަކެއް، މަސްރަހު ގޯސްވުމުގެ ބިރު ބޮޑު
ބޭސް ކެޔަސް ވައިގެ މައްސަލަތައް ހައްލު ނުވަނީ ކީއްވެ؟