އީރާނުގެ ސްޕްރީމް ލީޑަރު މުޖުތަބާ ހާމަނިއީއާ ކުރިމަގުގައި ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ ދެއްވި އިންޓަވިއުއެއްގަ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އީރާނުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ހާމަނިއީއާ ބައްދަލުކުރައްވާނެތޯ އިންޓަވީއުގައި ސުވާލުކުރުމުން ދެއްވި ޖަވާބުގަ އެވެ.

"އާދެ، އަޅުގަނޑު އޭނާއާ ބައްދަލުކުރަން ބޭނުން. އަޅުގަނޑު ބޭނުންވަނީ އެންމެންނާ ވެސް ބައްދަލުކުރަން. ކަންތައްތައް ކުރިއަށްދާ ގޮތަކަށް ބަލާފައި، ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެން ބައްދަލުކުރާނަން،" ސުވާލަށް ޖަވާބުދެމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، އެމެރިކާއާއެކު މިހާރު ކުރިއަށްދާ މުހިންމު މަޝްވަރާތަކުގައި މުޖުތަބާ ހާމަނިއީ ބައިވެރިވެވަޑައިގަންނަވަ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް މިހާރު އެއްބަސްވެފައިވީ ނަމަވެސް، އެ ގައުމުން ފަހުން ވިސްނުން ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. އެހެންކަމުން، މި މައްސަލައިގައި އެމެރިކާއިން ވަރަށް ފާރަވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އީރާނާ މެދު އެމެރިކާއިން ފިޔަވަޅެއް އަޅަންޖެހޭ. ސަބަބަކީ އިގްތިސާދީ ގޮތުން ކިތަންމެ ރަނގަޅަށް ކުރިއަށް ދިޔަ ނަމަވެސް، އެމީހުންނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ދެވިގެން ނުވާނެ. އެމީހުން މިހާރު ވެސް ވަނީ ނިއުކްލިއާ ހަތިޔާރު ނުބެހެއްޓުމަށް އެއްބަސްވެފައި،" ބުދަ ދުވަހު ޝާއިއުކުރި މި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.