ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަތަމާ ޕެލަސް ކަައިރީގައި ހުރި މީހާ އަދިވެސް ހޯދިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނެފި އެވެ.
އަތަމާ ޕެލެސް ކައިރީގައި ހުރި މީހަކު ވަނީ ހަމަލާއަށް ފަހު ދުވެ ފިލައިފަ އެވެ. ވަކި ހިސާބަކުން އެ މީހާ ދުވަން ފެށީ ފައިވާން އަތަށް ލައިގެންނެވެ. އެ މަންޒަރު ފެންނަ ވިޑިއޯތަކާއި ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އަތަމާ ޕެލެސް ކައިރީގައި މަޑުކޮށްގެން ހުރި މީހާ ހޯދަން މިހާތަނަށް ކުރި މަސައްކަތުން އޭނާ ނުފެންނަ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ފޮޓޯ އާންމުކުރަމުން ވަނީ އާންމުން އެހީއަށް އެދިފަ އެވެ. ފުލުހުން އާންމުކުރި ފޮޓޯއަކީ ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުންދާ މީހާގެ ފޮޓޯ އެވެ.
އާންމުންގެ އެހީއަށް އެދިގެން ހޯދުމަށް މަސައްކަތް ކުރަމުންދާ މީހާއަކީ ބޮމް ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. އަދި އެ މީހާއަކީ ތަހުގީގަށް ހޯދަން އެންމެ މުހިންމު މީހާ އެވެ.
އެމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހަށް ރިޕޯޓް ކުރުމަށް ވަނީ އެދިފަ އެވެ.