ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ގުޅެނީ ހަރުކަށު ފިކުރާއި ކަމަށް ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރެވޭނެ ހެކި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ހަމަލާ ހަރުކަށި ފިކުރާއި ގުޅުވެން ހުރި ނަމަވެސް އެހެން އޭންގަލްތަކުން ވެސް ބަލަން އިރުޝާދު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއާާ ގުޅިގެން މިއަދު ހައްޔަރު ކުރީ، މއ. ފޭރުގެ، މުއާޒް އަހުމަދާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީމް އަހުމަދެވެ. ހައްޔަރު ކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ބެލެވޭނެ ހެކި ލިބިފައިވާ ކަމަށް ޝަމީމު ވަނީ ވިދާޅުވެފަ އެވެ. ހައްޔަރުކުރި ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ދެ މީހުންނެވެ. އެ މީހުންގެ ކުޑުގެ ރިކޯޑު އަދި އާންމެއް ނުކުރެ އެވެ.

ހައްޔަރުކުރި މުޖާޒަކީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވި އެވެ. ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެ މީހާއަކީ އަތަމާ ޕެލެސް ކައިރީގައި މަޑުކޮށްގެން ހުރި މީހާ އެވެ.

ބޮމުގެ ހަމަލާއަށްފަހު އެ މީހާ އެތަނުން ދުވެފައިވާ ދާ މަންޒަރު އަދި ވަކި ހިސާބަކުން ފައިވާން ބާލައިގެން އަތުން ހިފައިގެން ދުވެފައިދާ މަންޒަރު ފެންނަ ވިޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފުލުހުންގެ ތަހުގީގަށް އެންމެ މުހިންމު މީހާ އަކީވެސް އެ މީހާ އެވެ.

ފުލުހުން އިއްޔެ ބުނީ މައްސަލަ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއަދު ހައްޔަރު ކުރި ދެމީހުންނާއި ފޮޓޯ އާންމު ކުރި މމީހާ އަކީ އެ ހަތަރު މީހުންގެ ތެރޭ ހިމެނޭ ބަޔެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މިއަދު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާގެ ވީޑިއޯ ފުޓޭޖެއް ވެސް އާންމު ކޮށްފަ އެވެ. އެ ފުޓޭޖުން ފެންނަނީ ނަޝީދު ގެއިން ނިކުމެވަޑައިގެން ފައިމަގުގައި ހިންގަވައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައި ވަޑައިގަންނަވަން ދަނިކޮށް ގޮވާއެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަވީތަނާ އެ ސައިކަލު ގޮއްވާލާ ތަނެވެ.