އެނާޖީ ޑްރިންކްތަކަކީ އާންމުކޮށް ވަރުބަލިކަން ފިލުވައި، ހަށިގަނޑު ހޭލައްވައިލުމަށްޓަކައި ގިނަ ބަޔަކު ބޭނުންކުރާ ބުއިމެކެވެ. ނަމަވެސް ބައެއް މީހުންނަށް މިފަދަ ބުއިންތައް ބުއިމުން ހީކުރާ ގޮތާ މުޅިން އިދިކޮޅަށް ވަގުތުން ނިދި އައިސް، ވަރުބަލިވެ މާ ބޮޑަށް ލޮޑުވާ ގޮތް ދިމާވެ އެވެ. މިއީ ވަރަށް ގިނަ ބަޔަކު ހައިރާންކުރުވާ ކަމެކެވެ.
މިކަން މިގޮތަށް ދިމާވާ ސައިންޓިފިކް ސަބަބު އެމެރިކާގެ މޭރީލޭންޑްގެ އެނެސްތީސިއޮލޮޖީ އަދި އިންޓަވެންޝަނަލް ޕެއިން މެޑިސިންގެ މާހިރެއް ކަމަށްވާ ޑރ. ކުނާލް ސޫދު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ކިޔައިދީފަ އެވެ.
ކެފެއިން އަކީ އަސްލު "ހަކަތަ" އެއް ނޫން
ޑރ. ސޫދު ކިޔައިދެއްވި ގޮތުގައި، އެނާޖީ ޑްރިންކްތަކުގައި އެކުލެވޭ މަތީ މިންވަރުގެ ކެފެއިން އަކީ އަސްލު ހަށިގަނޑަށް ހަކަތަ ފޯރު ކޮށްދޭ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ކެފެއިން ކުރާ ކަމަކީ ސިކުނޑީގައި އުފެދޭ ކެމިކަލްތަކަށް ހުރަސް އެޅުމެވެ.
"އެނާޖީ ޑްރިންކްތަކަކީ މީހާ ހޭލައްވައިލަން ޖެހޭ އެއްޗެއް. އެކަމަކު ބައެއް މީހުންނަށް އެ ބުއިމުން މާ ބޮޑަށް ނިދި އަންނަނީ ކީއްވެ؟ އޭގެ ސަބަބަކީ ކެފެއިން އަކީ ހަގީގީ ހަކަތައެއް ނޫން ކަމަށްވުން. ކެފެއިން މައިގަނޑު ގޮތެއްގައި ކުރާ ކަމަކީ ސިކުނޑީގައި ހުންނަ 'އެޑިނަސީން' ބްލޮކް ކޮށްލުން. މިއީ މީހާ ހޭލާ ހުންނަ ވަގުތު އިތުރުވާ ވަރަކަށް ސިކުނޑީގައި ނިދި އައުމުގެ ޕްރެޝަރު އުފައްދާ ކެމިކަލެއް،" ޑރ. ސޫދު ވިދާޅުވި އެވެ.
މިހެންވުމުގެ ސަބަބުން މީހަކު ކުރިން ވެސް ނިދި މަދުވެފައި ހުރި ނަމަ ކެފެއިންގެ ސަބަބުން ވަގުތީ ގޮތުން އެ ވަރުބަލިކަމުގެ ސިގްނަލްތައް ފޮރުވާލަ އެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ ނިދި ފިލައިގެނެއް ނުދެ އެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ވަގުތުކޮޅަކަށް ފަހު އެ ނިދީގެ ޕްރެޝަރު ބޮޑުވެ، މީހާ އެއްކޮށް "ކްރޭޝް" ވެ، މާ ބޮޑަށް ނިދި އަންނަ ގޮތް ވަނީ އެވެ.
ހަކުރުގެ ސަބަބުން ދިމާވާ "ޝުގާ ކްރޭޝް"
މާކެޓުގައި ހުންނަ ގިނަ އެނާޖީ ޑްރިންކްތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވެ އެވެ. މިއީ ވެސް ނިދި އައުމަށް މެދުވެރިވާ ބޮޑު ސަބަބެކެވެ.
މިފަދަ ފޮނި ބުއިމެއް ބުއިމުން ލޭގައި ހަކުރު ހުރި މިންވަރު ވަރަށް އަވަހަށް މަތިވެ އެވެ. މިއާއެކު ހަށިގަނޑުން އިންސުލިން އުފައްދައި، އެ ހަކުރުގެ މިންވަރު ކުއްލިއަކަށް ދަށްކޮށްލަ އެވެ. މިގޮތަށް ލޭގެ ހަކުރު ކުއްލިއަކަށް ދަށްވުމުން މީހާއަށް އާދަޔާ ހިލާފަށް ވަރުބަލިކަމާއި ކެނޑިނޭޅި ނިދި އައުން އިހުސާސް ކުރެވެ އެވެ.
މީގެ އިތުރުން، ހުސްބަނޑާ ހުރެ އެނާޖީ ޑްރިންކް ބުއިމުން ކެފެއިންގެ ސަބަބުން ހަށިގަނޑުގެ އިންސުލިން ސެންސިޓިވިޓީއަށް ވަގުތީ ގޮތުން އަސަރުކޮށް، ވަރުބަލިކަން އިތުރަށް ބޮޑުވެ އެވެ. އަދި ގަވާއިދުން އެނާޖީ ޑްރިންކް ބޯނަމަ، ސިކުނޑި އެއަށް ހޭނި ކުރިން ލިބޭ ތާޒާކަން ކެފެއިންއިން ނުލިބޭ ގޮތްވެ އެވެ.
ޑރ. ސޫދު ވިދާޅުވި ގޮތުގައި އެނާޖީ ޑްރިންކެއް ބުއިމުން ނިދި އަންނަން ފަށައިފި ނަމަ، އޭގެ މާނައަކީ ހަށިގަނޑަށް އިތުރު ކެފެއިން ބޭނުންވަނީއެއް ނޫނެވެ. އޭގެ ބަދަލުގައި ހަށިގަނޑު އެ އެދެނީ އަރާމު ނިންޖަކަށެވެ. ނުވަތަ ރަނގަޅު ކާނާއާއި، ފެނަށެވެ. ނޫން ނަމަ ހަކުރު މަދު ބުއިމަކަށެވެ.
ނިންމާލަމުން ޑޮކްޓަރު ވަނީ ސަމާލުވާންޖެހޭ މުހިންމު ކަމެއް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މޭގައި ރިއްސުން، ހޭ ނެތުން، އަތްފައި މާ ބޮޑަށް ތަޅުވުން، ނުވަތަ ދުވާލުގަޑީގައި އަބަދު ނިދި އައުމުގެ މައްސަލަ ހުރި ނަމަ، އެއީ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކައިގެން ސިއްހީ ފަރުވާ ކުރަން ޖެހޭނެ ކަންކަމެވެ.
އީރާނާއި އިޒްރޭލުން ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލައިފި
ޗާގޯސް ޖަޒީރާތައް ގަތުމަށް އެމެރިކާއިން ވިސްނަނީ: ރިޕޯޓް
ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް އިންޒާރުދެއްވައިފި