މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރު އަހުމަދު ޒުހައިރު، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އާއެކު ފޮޓޯއެއް ނެގުމުން އެ މަގާމު އުވާލައިފި އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒުހައިރު އެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

ޒުހައިރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

އެނގިފައިވާގޮތުގައި ކުއްލިގޮތަކަށް އެ މަގާމު އުވާލީ އިއްޔެއެވެ. އެ މަގާމު އުވާލީ ޒުހައިރުގެ ވަޒީފާ ގެއްލުވާލުމަށެވެ.

ޒުހައިރު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އޭނާ ވަޒީފާއިން ވަކިކުރެވޭނެ މަގެއް ނުފެނުމުން މަގާމު އުވާލީ ކަމަށެވެ.

"މަގާމު އުވާލީމަ ދެން ވަޒީފާއިން އެ ވަކިވީތާ. އެއިރުން ވަޒީފާއިން ވަކިކުރި ކަމަކަށް ނުވާނެތާ،" ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ ސޯބެއަކީ އޭނާގެ ޅިޔަނު ކަމަށާއި އޭނާއާއެކު ފޮޓޯ ނުނަގައި އެހެން މީހަކާއެކު ނަގާނެ ފޮޓޯއެއް ނޯންނާނެ ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ހާދިސާތަކާއި އެކްސިޑެންޓުތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ.