މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އަބަދު ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅުމަކީ މޮޅު ކަމެއް ނުވަތަ ގަދަރުވެރި ސިފައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

ނަމަވެސް، ސިއްހީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި ހަށިގަނޑަށް އެއްވެސް އަރާމެއް ނުދީ އަބަދު "ބިޒީކޮށް" އުޅުމަކީ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެކެވެ. މިއީ ކުރީ ޒަމާނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް ލިބުނު ފަދަ ބޮޑު ގެއްލުމެއް ދޭ ކަމެކެވެ.

އިންޑިއާގެ ހާލީ އޮފް ލަންޑަންގެ މެޑިކަލް ޑިރެކްޓަރު ޑރ. އަނާންތު ކުލްކަރްނީ ވިދާޅުވި ގޮތުގައި، "އަބަދު ބިޒީކޮށް އުޅުމަކީ މިޒަމާނުގެ އާ ދުންފަތުގެ އިސްތިޢުމާލެވެ."

މީގެ ކުރީގެ އަހަރުތަކުގައި ދުންފަތުގެ ނުރައްކާ މީހުންނަށް ނޭނގި އޮތް ފަދައިން އަބަދު ބުރަކޮށް މަސައްކަތް ކުރުމުން ހަށިގަނޑުގެ އެތެރެހަށި ހަލާކު ވަމުން ދާކަން މިއަދު ގިނަ ބަޔަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބަދު ބިޒީކޮށް އުޅުމުން ހަށިގަނޑަށް ވަނީ ކިހިނެއް؟

އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ހުއްޓުމެއް ނެތި އަބަދު މަސައްކަތް ކުރާކަށް ނޫނެވެ. އަބަދު ކަންކަމާ ފިކުރުކޮށް، ބުރަކޮށް އުޅުމުން ހަށިގަނޑު އަބަދު ހުންނަނީ ނުރައްކަލަކުން ސަލާމަތްވާން މަސައްކަތްކުރާ ފަދަ "ފައިޓް އޯ ފްލައިޓް" މޯޑެއްގަ އެވެ. މީގެ ސަބަބުން:

  • ކޯޓިސޯލް މަތިވުން: ހަށިގަނޑުގައި ސްޓްރެސް ހޯމޯންސް އިތުރުވެ އެވެ.
  • ނިދި ހަލާކުވުން: އަރާމު ނިދި ލިބުމަށް ހުރަސްއެޅެ އެވެ.
  • ދިފާއީ ނިޒާމު ބަލިކަށިވުން: ބަލިތަކާ ދެކޮޅަށް ހަށިގަނޑުން ކުރާ މަސައްކަތް ބަލިކަށިވެ އެވެ.

މިކަންކަން ދިގުލާ މުއްދަތަކަށް ދިއުމުން، ހިތުގެ ބަލިތަކާއި، ހަކުރު ބަލި އަދި ހަށިގަނޑުގެ އެތެރެހަށީގައި އިންފްލެމޭޝަން އުފެދެން މެދުވެރިވެ އެވެ.

ޑރ. ކުލްކަރްނީ ވިދާޅުވި ގޮތުގައި، އަރާމެއް ނެތި މަސައްކަތް ކުރުމަކީ ހިތްވަރު ގަދަ ކަމެއް ނޫނެވެ؛ އެއީ އަމިއްލަ ނަފްސު ހަލާކު ކޮށްލުމެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންވީ ބަދަލުތައް

މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންގެ ބައެއް އާދަތަކަށް ބަދަލު ގެންނަން ޖެހެ އެވެ.

  • ކަންކަން ކުރާ ގޮތް ބަދަލުކުރުން: ގިނަ ވަގުތު ބިޒީކޮށް، އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއް ކަމަކަށް ފުރިހަމައަށް ސަމާލުކަން ދިނުން މާ ފައިދާ ބޮޑެވެ.
  • "ނޫނެކޭ" ބުނަން ދަސްކުރުން: ހުރިހާ ކަމަކަށް "އާނއެކޭ" ބުނުމަކީ އަމިއްލަ ސިއްހަތަށް ދެވޭ އަނިޔާއެކެވެ. އަމިއްލަ ވަގުތު ރައްކާތެރި ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
  • ހުއްޓުމަކަށް އިސްކަން ދިނުން: ކުޑަ ވަގުތުކޮޅަކަށް މަސައްކަތް ހުއްޓާލައި ފޯނާ ދުރުވެ ހިނގާލުން ނުވަތަ ހިމޭނުން އިނުމަކީ ކަންނެތް ކަމެއް ނޫނެވެ. އެއީ ނާރުތަކުގެ ނިޒާމަށް އަރާމުދީ، ސިކުނޑި ތާޒާކޮށްދޭ ކަމެކެވެ.

އަބަދު ވަރުބަލިވެފައި ހުރުމަކީ ކާމިޔާބީގެ ނިޝާނެއް ނޫނެވެ. ހަގީގީ ކާމިޔާބީއަކީ ސިއްހަތު ސަލާމަތުން ބަހައްޓައިގެން، ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަހަމަކޮށް ކުރިއަށް ގެންދިއުމެވެ.