ބޮލީވުޑްގެ ސުޕަސްޓާރުންގެ ތެރެއިން ސަލްމާން ހާންއަކީ އަބަދުވެސް އޭނާގެ ތަފާތު ސްޓައިލްތަކާއި ހެއާ ސްޓައިލްތަކުން ސަޕޯޓަރުން ސިއްސުވާލާ ތަރި އެކެވެ.

ދާދި ފަހުން ބޭއްވުނު ބޮޑު އިވެންޓަކުން ސަލްމާން ވަރަށް ކުރުކޮށް އިސްތަށިގަނޑު ކޮށާލައިގެން ހުއްޓާ ފެނުމުން، އޭނާގެ ސަޕޯޓަރުންގެ އިތުރުން ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ދެ ތަރިން ކަމަށްވާ އާމިރު ހާންއާއި ކަރީނާ ކަޕޫރު ހާން ވެސް ވަނީ ހައިރާން ވެފަ އެވެ.

މި އިވެންޓްގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ހަލުވި ކަމާއެކު ވައިރަލް ވަމުންނެވެ.

އިވެންޓަށް ސަލްމާން އައިސް ވަތް ވަގުތަކީ އާމިރުއާއި ކަރީނާ އެކުގައި ވާހަކަ ދައްކަން ތިބި ވަގުތެކެވެ. ސަލްމާންގެ އާ ސްޓައިލް ފެނުމާއެކު، ކަރީނާގެ އަނގަ ހުޅުވި، އޭނާގެ މޫނުމަތިން ބޮޑު ހައިރާން ކަމެއް ފެނިގެން ދިޔަ އެވެ. އާމިރު ވެސް ހިނިތުންވުމަކާއެކު ސަލްމާންގެ ބޮލަށް އިޝާރާތްކޮށް، އެ ލުކްއާ ބެހޭގޮތުން ސުވާލުކުރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މި ތިން ތަރިން އެކުގައި ބައްދާލައި، ސަލްމާންގެ އާ ސްޓައިލަށް ތައުރީފުކޮށް ހެދި މަންޒަރުން އެމީހުންގެ މެދުގައި އޮތް ގާތް އެކުވެރިކަން އަނެއްކާވެސް ހާމަވެގެން ދިޔަ އެވެ.

އާ ފިލްމެއްގެ ތައްޔާރީއެއް؟

ސަލްމާން ކުއްލިއަކަށް މިގޮތަށް ބޯކޮށާލުމާއެކު، ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން މިއީ އޭނާ ކުރިއަށް އޮތް އެކްޝަން ފިލްމަކަށް ނުވަތަ ކަރަން ޖޯހަރްގެ އާ ޕްރޮޖެކްޓަކަށް ވެފައިވާ ތައްޔާރީ އެކެވެ.

ސަލްމާން މީގެ ކުރިންވެސް "ތެރޭ ނާމް" އަދި "ސުލްތާން" (Sultan) ފަދަ ފިލްމުތަކަށް ބޯ ކޮށާލައިގެން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވެ އެވެ.

"ސަލްމާންގެ މި ލުކްއިން ހީވަނީ އޭނާގެ 90 ގެ އަހަރުތަކުގެ ދުވަސްވަރު އެނބުރި އައީހެން. ވަރަށް ޒުވާންކޮށް ދައްކާ،" ސޯޝަލް މީޑިއާގައި ސަޕޯޓަރަކު ލިޔެފައިވެ އެވެ.

އާމިރު، ސަލްމާން އަދި ކަރީނާ ފަދަ އޭ-ލިސްޓް ތަރިން އެއް ފްރޭމަކުން ފެނުމަކީ ބޮލީވުޑްގެ ސަޕޯޓަރުންނަށް އަބަދުވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. ސަލްމާންގެ އާ ހެއާސްޓައިލްގެ ސަބަބުން މި ބައްދަލުވުމުގެ ފޯރި އިތުރަށް ގަދަވެ، ކުރިއަށް އޮތް ފިލްމުތަކަށް ސަޕޯޓަރުން ކުރާ އިންތިޒާރު މިވަނީ ދެ ގުނަވެފަ އެވެ.