އިންޓެލިޖެންސް މައުލޫމާތުތައް އެމްއެންޑީއެފް އިން ފުލުހުންގެ މުއައްސަސާއާ ހިއްސާކުރަމުން ނުދާތީ އެކަމާމެދުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ކަންބޮޑުވުމުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ.ކެނެރީގެ، ހުންނަ މަގުގައި ޕާކުކޮށްފައިވާ ސައިކަލުތައް އެހެން ތަނަކަށް ބަދަލުކުރަން އެމްއެންޑީއެފުން އެދުނީ ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކަމުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެފައިވާތީ އެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއެންޑީއެފްއާއި ފުލުހުންގެ މެދުގައި އިންޓެލިޖެންސް ހިއްސާނުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަންކަން ދެމިގެން ގޮސްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވުން އިތުރުވާނެ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެއްވެސް އިންޓެލިޖެންސް މަައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވާއިރު އެމްއެންޑީއެފްއިން ބުނެފައިވަނީ ނަޝީދަށް އޮތް ނުރައްކަލާ ގުޅޭ މައުލޫމާތު އެ އިދާރާއަށް ކުރިންވެސް ލިބިފައިވާ ކަމަށާއި، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ކުރިއަށްވުރެ ވަރުގަދަކޮށްފައިވާނެ ކަމަށެވެ.
އެހެންނަމަވެސް ރައީސް ނަޝީދަށް އަމާޒުކޮށް ބުރާސްފަތިދުވަހު ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައިނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.