މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ތާރީހީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.
މި އެއްބަސްވުމުގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދަށްކުރުމަށް އެއްބަސްވެފައިވާއިރު، އޭގެ ބަދަލުގައި އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއިދީ، ފުޅާ ދާއިރާއެއްގައި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ފްރާންސްގެ ޕެލަސް އޮފް ވާސައިގައި ޖީ-7 ސަމިޓަށްފަހު، ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންއާއެކު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިން ޓްރަމްޕް މި އެއްބަސްވުމުގައި ސޮއިކުރެއްވި ކަމަށް އެމެރިކާގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.
އެ ގަޑުވަރުން ނުކުމެވަޑައިގަންނަވަމުން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، "ދެންމެ ސޮއިކޮށްފިން" ކަމަށެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ 'އިރްނާ' އިން ބުނި ގޮތުގައި، އެ ގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ ދެ ގައުމުގެ ރައީސުން ސޮއިކުރެއްވުމާއެކު އެއްބަސްވުން ފައިނަލް ވެފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މިދިޔަ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައަށް ނިމުމެއް ގެނައުމެވެ. އެ ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގެ އެކި ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާތައް ދީ، ދުނިޔޭގެ އިގްތިސާދަށް މުހިންމު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، މިހާރު އޮތީ މި އެއްބަސްވުން ތަންފީޒުކުރާ މިންވަރު ބެލުމުގެ ވަގުތު ކަމަށެވެ. މި އެއްބަސްވުމުގައިވާ ގޮތުން، އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ވަގުތުން އުވާލަން ޖެހެ އެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ދާއިމީ އެއްބަސްވުމަކަށް އާދެވުމުން، ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަމާއެކު އުފައްދާ 300 ބިލިއަން ޑޮލަރުގެ އަލުން އާރާސްތުކުރުމުގެ ފަންޑެއް ދޫކުރުމަށް ވެސް އެމެރިކާއިން މަގުފަހިކޮށްދޭނެ އެވެ.
ކުރިން ހަމަޖެހިފައި އޮތީ މި އެއްބަސްވުމުގައި އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ސޮއިކުރައްވާ ގޮތަށެވެ. ނަމަވެސް، އީރާނުން ބުނީ ރައީސުން ސޮއިކުރެއްވުމުން ދެން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނުޖެހޭނެ ކަމަށެވެ.
"ބޮޑު ކާމިޔާބީއެއް"
އީރާނުން ބުނަމުންދަނީ މި އެއްބަސްވުމަކީ އެމެރިކާގެ ނާކާމިޔާބީ ދައްކުވައިދޭ ކަމެއް ކަމަށެވެ. އީރާނުގެ މަޖިލީހުގެ ރައީސް ގާލިބާފް ވިދާޅުވީ، ރައްޔިތުން މި އެއްބަސްވުން ފެނުމުން އެއާ މެދު ގޮތް ނިންމާނެ ކަމަށެވެ. ޗައިނާއިން ވެސް ވަނީ މި އެއްބަސްވުމަށް މަރުހަބާ ކިޔައި، ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވުމަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފަ އެވެ.
ނަމަވެސް، އެމެރިކާގެ 13 ސިފައިން މަރުވެ، ގިނަ އަދަދެއްގެ ހަތިޔާރު ހުސްވި މި ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށް އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ބިލް ކެސިޑީ ވިދާޅުވީ މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެމެރިކާއިން ހެދި އެންމެ ބޮޑު ހާރިޖީ ގޯސް ކަމަށެވެ.
ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ ވެރިޔާ ނައީމް ގާސިމް މި އެއްބަސްވުން ސިފަކުރެއްވީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި މި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ތެރޭގައި ލުބުނާނު ހިމެނުމަށް އީރާނުން ބާރުއެޅިކަމަށްޓަކައި އޭނާ ޝުކުރު އަދާކުރެއްވި އެވެ.
މަޝްވަރާތައް ފެށުން
މި އެއްބަސްވުމާއެކު ދެ މަސް ދުވަހުގެ މަޝްވަރާގެ މަރުހަލާއެއް ފެށޭނެ އެވެ. ފުރަތަމަ ފިޔަވަޅަކީ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އީރާނުން އެ ގައުމުގެ ޔުރޭނިއަމް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ބެލުމުގެ ދަށުން ދަށްކުރާނެ އެވެ. މިއީ އެމެރިކާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރެ އެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، މެދުއިރުމަތީގައި ސުލްހަ ގާއިމުވާނެކަމުގެ އުންމީދުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފާއިތުވި ދުވަސްތަކުގައި ދަށްވެފަ އެވެ.
ލުބުނާނުގެ ހާލަތު
އެއްބަސްވުން އިއުލާނުކުރުމާއެކު ލުބުނާނުގައި ހަމަނުޖެހުންތައް ކުޑަވި ނަމަވެސް، އިޒްރޭލުން ދެކުނު ލުބުނާނަށް ދިން ހަމަލާތަކުގައި ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލް ސިފައިން ބުނީ ޑްރޯން ހަމަލާއެއްގައި އެ ގައުމުގެ ފަސް ސިފައިންނަށް އަނިޔާވެފައިވާ ކަމަށެވެ. މިއީ އެމެރިކާއާއި އީރާނުގެ އެއްބަސްވުމަށްފަހު މިފަދަ ހަމަލާއެއް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.
ވަގަށް ގެނައި ހާހަކަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި