މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު އެގޮތަށް އެދިވަޑައިގަތީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތުތައް ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރެއްވުމަށް މިރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަކީ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދޭ އިންތިޚާބުތަކެއް ކަމަށެވެ. އެކަމަކު މި ދަނޑިވަޅަކީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމްޑީޕީ އެއްބައިވަންތަ އެކަތިގަނޑެއްގެ ގޮތުގައި އޮންނަންވީ ވަގުތު ކަމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ވަގުތުވެސްމެ. ޕާޓީގެ އެތެރޭގެ މިފަދަ ކޮންމެ އިންތިހާބަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާނެ ވަގުތެއް. މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕާޓީ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް. އެހެން ކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެން ވިސްނުން ބުއްދިވެރި ކަމަށް ވެސް އަޅުގަނޑު ދެކެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިއާއެކު ދިޔަ އެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރުމާއެކު ކެމްޕެއިން މަޑުޖެހިގެންދިޔަ އެވެ.