ޕޮޕް އައިކަން މެޑޯނާގެ ހަޔާތުގެ މައްޗަށް އުފެއްދުމަށް ނިންމި ބަޔޯޕިކް ފިލްމު (ހޫ އިޒް ދެޓް ގާލް)ގެ މަސައްކަތް ހުއްޓާލަން ޖެހުނު އަސްލު ސަބަބާއި، ހޮލީވުޑްގެ ބޮޑު ސްޓޫޑިއޯ، ޔުނިވާސަލް ޕިކްޗާސްއާ ދެމެދު ޖެހުނު މައްސަލަތަކުގެ ތަފްސީލު މެޑޯނާ ފުރަތަމަ ފަހަރަށް ހާމަ ކޮށްފި އެވެ.
މި ފިލްމަކީ 2022 ވަނަ އަހަރު އިއުލާންކުރި، އަދި މެޑޯނާ އަމިއްލައަށް ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ކުރަން އޮތް ފިލްމެކެވެ. މެޑޯނާގެ ރޯލު ކުޅުމަށް ހަމަޖެހިފައި އޮތީ މަޝްހޫރު ބަތަލާ ޖޫލިއާ ގާނާ އެވެ. ނަމަވެސް، ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ވަނީ މުޅިން ހުއްޓާލާފަ އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި މެޑޯނާ ބުނެފައިވަނީ ޔުނިވާސަލް ސްޓޫޑިއޯއާ އެކު މައްސަލަ ޖެހުނީ ފިލްމުގެ ބަޖެޓާ ގުޅޭގޮތުން ކަމަށެވެ.
"އަހަރެން ދެ އަހަރު ވަންދެން ސްކްރީންޕްލޭ ލިޔަން އުޅުނިން. އަދި ޔުނިވާސަލް ސްޓޫޑިއޯގެ ލައިން ޕްރޮޑިއުސަރުންނާ އެކު ބަޖެޓާއި ކާސްޓިން ހެދުމުގައި އިތުރު ދެ އަހަރު ހޭދަ ކުރިން. ނަމަވެސް ބަޖެޓާ ހެދި އަހަރެމެންގެ މެދުގައި މައްސަލަ ޖެހުނީ. އަހަރެން ހޭދަކުރީ އާދައިގެ ދިރިއުޅުމެއް ނޫން، ވަރަށް ބޮޑު އަދި ތަފާތު ދިރިއުޅުމެއް. އެހެންވީމާ އެ ވާހަކަ ގެނެސްދޭން ބޮޑު ބަޖެޓެއް ބޭނުންވި،" މެޑޯނާ ކިޔައިދިނެވެ.
މެޑޯނާ ތުހުމަތުކުރި ގޮތުގައި ޔުނިވާސަލް ޕިކްޗާސްއަށް އޭނާގެ ދިރިއުޅުމުގެ މުހިއްމުކަމާއި އެކަމަށް ބޭނުންވާ ބޮޑު ބަޖެޓް ބަލައެއް ނުގަނެވުނެވެ. އަދި ބަޖެޓް ކުޑަކުރުމުގެ ގޮތުން ސާބިއާގައި ފިލްމުގެ ބައެއް މަންޒަރުތައް ނަގަން އޭނާ ހުށަހެޅުމުން، ސްޓޫޑިއޯއިން އޭނާއަށް އިތުބާރު ނުކުރި ކަމަށް މެޑޯނާ ބުންޏެވެ.
"އެމީހުން ބުނީ އަހަރެން ސާބިއާގައި ހަތަރު ދުވަހަށް ވުރެ ގިނަ ދުވަހު މަޑެއް ނުކުރާނެޔޭ. އަހަރެން ބުނިން އެމީހުން ސްކްރިޕްޓް ކިޔައިފިންހެއްޔޭ؟ އަހަރެންގެ މުޅި ދިރިއުޅުމަކީ ސަވައިވަލް (ސަލާމަތްވުމަށް ކުރި ހަނގުރާމައެއް). އަހަރެން އެތަނަށް ދަނީ ޗުއްޓީއަކަށް ނޫން،" މެޑޯނާ ބުންޏެވެ.
މި ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައުމުން، ނެޓްފްލިކްސް އިން ވަނީ މެޑޯނާގެ ހަޔާތުގެ މައްޗަށް ލިމިޓެޑް ސީރީޒްއެއް ހެދުމަށް އޭނާއަށް ހުށަހަޅާފަ އެވެ.
ނަމަވެސް، އެ މަސައްކަތް ވެސް ވަނީ ދިގުލައިގެން ގޮސްފައިވާ ސަބަބަކީ ޔުނިވާސަލްއާ އެކު ލިޔުނު ސްކްރިޕްޓް ބޭނުން ކުރެވެން އޮތީ ބޮޑު އަގެއް ދީފައި އެ ސްޓޫޑިއޯއިން އެ ގަތުމުން ކަމަށް ވުމާއި، ސީރީޒްއަށް ބޭނުންވާ އެކަށީގެންވާ ޝޯރަނަރެއް ނުފެނުމެވެ.
ޔުނިވާސަލް ޕިކްޗާސްއިން މެޑޯނާގެ މި ވާހަކަތަކަށް އަދި އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.
މި ފިލްމުގެ މަސައްކަތް ހުއްޓާލި ނަމަވެސް، މިދިޔަ އެޕްރީލް މަހު މެޑޯނާ އާއި ޖޫލިއާ ގާނާ ވަނީ އެޕަލް ޓީވީގެ "ދަ ސްޓޫޑިއޯ" ސީޒަން 2 ގެ މަންޒަރުތަކެއް ވެނިސްގައި ކުޅެފަ އެވެ. މި ސީރީޒްގައި، ހުއްޓާލެވުނު މެޑޯނާގެ ބަޔޯޕިކް ފިލްމަށް މަޖާ ގޮތަކަށް ފާޑުކިޔާފައިވެ އެވެ.
މިވަގުތު މެޑޯނާ އެންމެ ބޮޑަށް ސަމާލުކަން ދެމުންދަނީ އަންނަ ޖުލައި ތިންވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އޭނާގެ 15 ވަނަ ސްޓޫޑިއޯ އަލްބަމް "ކޮންފެޝަންސް 2" އަށެވެ.
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟