އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އަދާކުރާ ވަޒީފާތަކަކީ ދިގު މުއްދަތަކަށް ނުވަތަ ގިނަ ގަޑިއިރުތަކެއް ވަންދެން ކޮޅަށް ހުންނަންޖެހޭ ވަޒީފާ ތަކެކެވެ. މީގެ ތެރޭގައި ސެލޫންތަކުގައި މަސައްކަތްކުރާ ހެއާ ޑްރެސަރުން، ފިހާރަތަކުގެ ސޭލްސް އެސިސްޓެންޓުން، ސެކިއުރިޓީ ގާޑުން އަދި ފެކްޓްރީތަކުގެ މުވައްޒަފުން ހިމެނެ އެވެ.
ބައެއް މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ މިއީ ހަމައެކަނި ފައިގައި ރިހޭ ރިހުމަކުން ނިމޭ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް، ދިރާސާތަކާއި ހަގީގީ ހާދިސާތަކުން ދައްކާ ގޮތުގައި މިއީ މައިބަދައަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި އުމުރަށް ވާގިނެތުމުގެ ބިރުވެސް އޮތް ކަމެކެވެ.
މިފަދަ ހިތާމަވެރި ހާދިސާއެއް ދާދިފަހުން ވަނީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފަ އެވެ. އުމުރުން އެންމެ 28 އަހަރުގެ އަންހެން ހެއާޑްރެސަރަކު، ގިނަ އަހަރުތަކެއް ވަންދެން ކޮޅަށް ހުރެ ކުރި މަސައްކަތުގެ ސަބަބުން އޭނާގެ މައިބަދައަށް ބޮޑެތި ގެއްލުންތަކެއްވެ، ކޮޅަށް ނުހުރެވޭ ވަރުވި އެވެ.
ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ މައިބަދައިގެ ޑިސްކެއް ކަސިޔާރުވެ، ނާރުތަކަށް ފިތުމުގެ ސަބަބުން މުޅި އުމުރަށް އޭނާގެ ހަށިގަނޑުން ވާގިނެތުމާ ވަރަށް ގާތަށް ދިޔަ އެވެ. މިއީ ހަމައެކަނި އެންމެ މީހެއްގެ ވާހަކައެއް ނޫނެވެ. މިއީ ގިނަވަގުތު ކޮޅަށް ހުންނަ ކޮންމެ މީހަކަށްމެ ދިމާވެދާނެ ނުރައްކަލެކެވެ.
ކޮޅަށް ހުރުމުން މައިބަދައަށް އަސަރުކުރަނީ ކިހިނެއް؟
އިންސާނާގެ މައިބަދަ އުފެދިފައިވަނީ ގުދުރަތީ ބައްޓަމެއްގަ އެވެ. ނަމަވެސް، އެއްވެސް ބަދަލެއް ނުގެނެސް ގިނަ ވަގުތު ކޮޅަށް ހުރުމުގެ ސަބަބުން މައިބަދައަށް ތިރީގައިވާ ގޮތް ގޮތުން އަސަރު ކުރެ އެވެ.
- ޑިސްކުތަކަށް ބާރު ބޮޑުވުން: މައިބަދައިގެ ބަދަތަކުގެ ދެމެދުގައި ހުންނަ "ޑިސްކު" ތަކަކީ ހަށިގަނޑުގެ ބަރުދަން ހިފަހައްޓައިދޭ ޑިސްކުތަކެކެވެ. ކޮޅަށް ހުންނަ އިރު، މުޅި ހަށިގަނޑުގެ ބަރުދަން މައިބަދައިގެ ތިރީ ބަޔަށް އެޅެ އެވެ. މީގެ ސަބަބުން ޑިސްކުތައް ފިތި، ހަލާކުވުމަށް މަގުފަހިވެ އެވެ.
- އުނގަނޑުގެ މަސްތައް ވަރުބަލިވުން: ކޮޅަށް ހުންނައިރު ހަށިގަނޑު ސީދާކޮށް ބެހެއްޓުމަށް ބުރަކަށީގެ މަސްތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަން ޖެހެ އެވެ. މީގެ ސަބަބުން މަސްތައް ވަރުބަލިވެ، ދުޅަވެ، ރިއްސުން އުފެދެ އެވެ.
- ބުރަކަށީގައި ގުދުލުން: ގިނަ އިރުވުމުން ވަރުބަލި ވެގެން ގުދުވެވުން ނުވަތަ އެއް ފައި މައްޗަށް ބަރުވެގެން ހުރުން ފަދަ ގޮތްގޮތަށް ހުރެވެ އެވެ. މިއީ މައިބަދައިގެ ގުދުރަތީ ބައްޓަން ގެއްލި، މައިބަދަ ކަސިޔާރުވާން ދިމާވާ މައިގަނޑު ސަބަބެކެވެ.
ފެންނާނެ ބައެއް އަލާމާތްތައް!
- ބުރަކަށީގެ ތިރީބައިގައި މެދުކެނޑުމެއްނެތި ރިއްސުން.
- ފަޔަށް ތޫނު ތަދެއް އިހުސާސްވުން.
- ފައިގެ ވާގި ދޫވުން ނުވަތަ އައްސިވުން.
- އިށީނދެ އިނުމަށާއި ހިނގާބިނގާވެ އުޅުމަށް އުނދަގޫވުން.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް!
މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތް ވުމަށްޓަކައި، ކޮޅަށް ހުންނަންޖެހޭ ވަޒީފާ ތަކުގައި އުޅޭ މީހުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.
- މަސައްކަތުގެ ދެމެދުން ބްރޭކް ނެގުން: ކޮންމެ ބައިގަޑިއިރަކުން ނުވަތަ ގަޑިއިރަކުން ކުޑަކޮށް އިށީނދެލާ، ހަށިގަނޑު ދަމާލުން.
- އެކަށީގެންވާ ފައިވާނަކަށް އެރުން: ފައިގެ ހީލް އުސް ނޫން، މަޑު އަދި ފަސޭހަ ފައިވާން ބޭނުން ކުރުން.
- މަސައްކަތްކުރާ ތަން ބަދަލު ކުރުން: ކޮޅަށް ހުންނަ ތަނުގައި މަޑު މެޓެއް ބޭނުން ކުރުން.
- ކަސްރަތު ކުރުން: ބުރަކަށީގެ އަދި ބަނޑުގެ މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ގަވާއިދުން ކުރުން.
އަޅުގަނޑުމެންގެ ވަޒީފާއަކީ ދިރިއުޅުމުގެ މުހިންމު ބައެއް ނަމަވެސް، އަމިއްލަ ސިއްހަތަށްވުރެ މުހިއްމު އެއްޗެއް ނެތެވެ. ބުރަކަށީގައި ރިއްސުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްނުލާ، ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުޅި އުމުރުގެ ދިރިއުޅުން ބަލި އެނދުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ޓްރަމްޕްގެ ފޮޓޯޖެހި އެެމެރިކާގެ އާ ޕާސްޕޯޓް ދައްކާލައިފި
ވައިނަރީ މައްސަލާގައި އެންޖެލީނާއާ ދެކޮޅަށް ބްރެޑްއަށް މޮޅެއް!
ފެނަކައިގެ ސަބަބުން މަސްވެރިކަން ދަށަށް ދިޔަ: ތަރުޖަމާނު