2007 ވަނަ އަހަރު ރިލީޒްކޮށް، ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑްގެ މަގުބޫލު ފިލްމު "އަވާރަޕަން" ގެ ސީކުއަލް "އަވާރަޕަން 2" އިން އިމްރާން އަނެއްކާވެސް ބޮޑު ސްކްރީނަށް އެނބުރި އަންނަން ތައްޔާރު ވަމުން އެބަދެ އެވެ.

އިމްރާންގެ ކެރިއަރުގެ އެންމެ އައިކޮނިކް އަދި ބެލުންތެރިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދި މި ރޯލާއެކު އޭނާ ދެން ފެނިގެންދާނީ 14 އޮގަސްޓް 2026ގަ އެވެ.

ނިތިން ކައްކަރް ޑައިރެކްޓްކުރާ މި ފިލްމުގައި އިމްރާންއާއެކު ބަތަލާގެ ރޯލުން ފެންނާނީ ދިޝާ ޕަޓާނީ އެވެ. އަދި ސީނިއާ އެކްޓްރެސް ޝަބާނާ އަޒްމީވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ވިޝޭޝް ބަޓް ހާމަކުރި ގޮތުގައި "އަވާރަޕަން 2" ބޮޑަށް ބިނާވެގެން ވާނީ އެކްޝަން ޑްރާމާއެއްގެ މައްޗަށެވެ. ނަމަވެސް، ފުރަތަމަ ބައިން ބެލުންތެރިންނަށް ގެނެސްދިން ފުން އަސަރުގަދަ ޖަޒުބާތުތަކާއި އިމްރާންގެ އެ ތަފާތު އެކްޓިން މި ފިލްމުގެ މައިގަނޑު ކަމަކަށް ވާނެ އެވެ.

މި ފިލްމުގެ ސިލްސިލާ ކުރިއަށް ގެންދިއުމުގައި، އޭގެ އަސްލު ރޫހު ހިފެހެއްޓުމަށްޓަކައި ކުރީގެ ފިލްމުގެ މިއުޒިކް ޓީމު ކަމަށްވާ ކޮމްޕޯޒަރު މިތޫން އަދި ޅެންވެރިޔާ ސައީދު ގާދިރީ ވެސް ވަނީ މި ފިލްމާ ގުޅިފަ އެވެ.

އެގޮތުން ކުރީގެ މަޝްހޫރު ލަވަތައް ކަމަށްވާ "ތޯ ފިރް އާއޯ" އަދި "ތޭރާ މޭރާ ރިޝްތާ" ގެ އާ ވާޝަންތަކެއް އިމްރާންގެ މި ފިލްމުން އަޑު އިވިގެންދާނެ އެވެ.

އިމްރާންގެ ސީރިއަސް އަދި އަސަރުގަދަ އެކްޓިންއަށް ލޯބިކުރާ ފަރާތްތަކަށް "އަވާރަޕަން 2" ވެގެންދާނީ ސިނަމާތަކަށް އަންނާނެ ވަރަށް ވަރުގަދަ އަދި އިންތިޒާރު ކުރެވޭ ފިލްމަކަށެވެ.