މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ދިނުމަށް އިންކާރުކޮށްގެން ނުވަތަ ޖަވާބު ނުދީގެން އެންމެ ގިނަ ޝަކުވާ ހުށަހެޅުނު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެ އެވެ.

އެޗްޑީސީއާ ދެކޮޅަށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާކަން ހާމަވެފައި މިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތައް ފުރިހަމަކޮށް، އެފަދަ ފުރަތަމަ ކުންފުނީގެ ލަގަބު އެ ކުންފުނިން ހޯދާފައި ވަނިކޮށެވެ.

މިކަން ހާމަ ކުރެއްވީ ރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އާހިދު ފުރަތަމަ ޕޯސްޓްގައި ވިދާޅުވީ އާރްޓީއައި ގާނޫނުގެ ދަށުން ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތުތައް ރައްޔިތުންނަށް ފެންނާނެ ގޮތަށް ހާމަކޮށްފައިވާ ފުރަތަމަ އެސްއޯއީއަކީ އެޗްޑީސީ ކަމަށެވެ.

ގާނޫނުގެ ދަށުން އާއްމުންނަށް ފެންނަ ގޮތައް ހުންނަން ޖެހޭ މައުލޫމާތުތައް ހާމަކޮށް އެޗްޑީސީން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގައި ކުންފުނިތަކަށް ނަމޫނާ ދައްކަމުން ދާކަން އާހިދު ފާހަގަކުރެއްވި އެވެ.

މިއާއެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ސިޔާސީ މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ އެކަމާއި ފަހުރުވެރިވެ ޕޯސްޓްތައް ކުރައްވާފަ އެވެ.

މައުލޫމާތު ހާމަކުރުމުގައި ހޯދި މި ކުރިއެރުމަށް ގިނަ ބަޔަކު ތައުރީފު ކުރަނިކޮށް، އާންމުން އެދޭ މައުލޫމާތު ދިނުމުގައި އެ ކުންފުނީގެ ފަރާތުން ފެންނަ އިންކާރުކުރުމުގެ އުސޫލަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ފަހުން ކުރެއްވި އެކްސް ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އާރްޓީއައި ގާނޫނަށް ބޯލަނބާ މިންވަރު ވަޒަންކުރުމަށް ބަލަނީ އިސްނަގައިގެން މައުލޫމާތު ހާމަކުރުމާއި، އާންމުން އެދޭ މައުލޫމާތު ހާމަކުރުމަށެވެ. އެޗްޑީސީ އިން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހިފައިވަނީ، މައުލޫމާތު ދިނުމަށް އިންކާރުކޮށްގެން ހުށަހެޅޭ ޝަކުވާތައް މަދުކޮށް، ގާނޫނުގެ އަނެއް ބަޔަށް ވެސް ފުރިހަމައަށް އަމަލުކުރުމަށް ކަމަށް އާހިދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށާއި އެހެންކަމުން، މިފަދަ ކުންފުނިތަކުން ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން އެހެން އިދާރާތަކަށްވުރެ ބޮޑު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާހިދު ހިއްސާކުރައްވާފައިވާ ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު އެޗްޑީސީގެ އިތުރުން ރައީސް އޮފީހާއި ހައުންސިން މިނިސްޓްރީ އިން ހޯދަން އެދޭ މައުލޫމާތު ނުދީގެން ގިނަ ޝަކުވާތަކެއް ލިބިފައިވެ އެވެ.