ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓުމަށްޓަކައި ގަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނަމަވެސް، ޖިމްއަށް ގޮސް ބުރަކޮށް ކަސްރަތު ކުރަން ފެށި ފަހުން ދަތްތައް ހަލާކުވެ، ދަތް ފަނިކާން ފަށާފައިވާކަން ފާހަގަކުރެވިއްޖެނަމަ އެއީ ހައިރާން ވާންޖެހޭ ކަމެކެވެ.
ދަތުގެ ޑޮކްޓަރުން ހާމަކުރާ ގޮތުގައި، ކަސްރަތު ކުރާއިރު ނޭވާލާ ގޮތުގެ ސަބަބުން އަހަރެމެންގެ ދަތްތަކުގެ ސިއްހަތަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރެ އެވެ.
ދަތުގެ ސިއްހަތަށް މިފަދަ ގެއްލުމެއް ކުރިމަތިވާ މައިގަނޑު ސަބަބަކީ ކަސްރަތު ކުރާ ވަގުތު ނޭފަތުގެ ބަދަލުގައި އަނގައިން ނޭވާ ލުމެވެ. ބަރު އުފުލާއިރު ނުވަތަ ކާޑިއޯ ހަދާއިރު ވަރުބަލިވެގެން އަނގަ ހުޅުވައިގެން ނޭވާލުމަކީ ގިނަ ބަޔަކަށް ނޭނގި ނަމަވެސް ކުރެވޭ ކަމެކެވެ. މިގޮތަށް އަނގުން ނޭވާލުމުން އަނގަ އެއްކޮށް ހިކި، ކުޅު އުފެދޭ މިންވަރު މަދުވެ އެވެ.
ކުޅަކީ ދަތްތައް ރައްކާތެރި ކޮށްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ އެއް ވަސީލަތެވެ. ކުޅުގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ އެސިޑްގެ މިންވަރު ކޮންޓްރޯލްކޮށް، ދަތްތަކުގައި ޖަހާ ޖަރާސީމުތައް ދޮވެލައި، ދަތުގެ ބޭރު ފަށަލަ ނުވަތަ އެނަމަލް ހަލާކުވިޔަނުދީ ހިފަހައްޓައިދެ އެވެ.
އެހެން ނަމަވެސް، ކަސްރަތު ކުރާ ގަޑީގައި އަނގަ ހިކުމުން ޖަރާސީމުއް އާލާވުމަށް ފަހި މާހައުލެއް އުފެދި، ދަތް ފަނި ކެއުމަށް މަގުފަހިވެ އެވެ.
މީގެ އިތުރުން، ކަސްރަތު ކުރާ މީހުން ވަރުބަލިކަން ފިލުވައިލުމަށް ބޭނުންކުރާ "އެނާޖީ ޑްރިންކްސް" ނުވަތަ "ސްޕޯޓްސް ޑްރިންކްސް" އަކީވެސް މީގެ އަނެއް ސަބަބެވެ.
މިފަދަ ބުއިންތަކުގައި ގިނަ އަދަދަކަށް ހަކުރާއި އެސިޑް އެކުލެވިގެންވެއެވެ. އަނގަ ހިކިފައި ހުންނަ ވަގުތެއްގައި މިފަދަ އެސިޑް ގަދަ ބުއިންތައް ބުއިމުން، ދަތްތައް ހަލާކުވުމުގެ ފުރުސަތު ދެގުނައަށް އިތުރުވެގެންދެ އެވެ.
މި މައްސަލައިން ސަލާމަތް ވުމަށްޓަކައި ޑޮކްޓަރުން ދެއްވާ އިރުޝާދަކީ ކަސްރަތު ކުރާއިރު ވީހާވެސް ބޮޑަކަށް ނޭފަތުން ނޭވާލުމަށް ސަމާލުކަން ދިނުމެވެ.
އެއާއެކު ކަސްރަތު ކުރާ ގަޑީގައާއި ކަސްރަތު ނިމުމަށްފަހު އެނަޖީ ޑްރިންކްސްގެ ބަދަލުގައި އާދައިގެ ސާފު ފެން ބުއިމަކީ އަނގަ ތެތްކޮށް ބެހެއްޓުމަށާއި ދަތްތައް ހިމާޔަތް ކުރުމަށް އެންމެ ރަނގަޅު ގޮތެވެ.
ހަމަ އެހެންމެ، ޖިމްއަށް ދިއުމުގެ ކުރިންނާއި ނިމިގެން އައުމަށްފަހު ދަތް އުނގުޅުމަކީ އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް މަދުކޮށްދޭނެ ކަމެކެވެ.
ކަސްރަތު ކުރުމަކީ ހަށިގަނޑަށް ފައިދާހުރި ކަމަކަށް ވާއިރު، ކުޑަކުޑަ ސަމާލުކަމެއް ދީގެން އަމިއްލަ ދަތްތަކުގެ ސިއްހަތުވެސް ސަލާމަތް ކުރެވިދާނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް ފިރުޒުލް ހަމަޖައްސައިފި
ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ފާސްކޮށްފި