ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމަށް މާދަމާ ރޭ ހުޅުމާލޭގައި ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 8:15 ގައި ހުޅުމާލެ ރުއްގަނޑު ތިނެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 12 ފެބްރުއަރީ 2024 ގަ އެވެ. މި މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މިދިޔަ އަހަރުގެ 30 ޖެނުއަރީ އެވެ.
ފުރަތަމަ ކަނޑައެޅި މުއްދަތަށް މަސައްކަތް ނުނިމުމުން، މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ 15 އޭޕްރިލް 2025 އެވެ. އެ މުއްދަތަށްވެސް ލިފްޓުތައް ބަހައްޓައި ނުނިންމޭނެކަން ކަށަވަރުވުމުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް އެޗްޑީސީން ފަހުން ބުނެފައިވެ އެވެ.
މި މަޝްރޫއު އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު ނިމުން ފާހަގަކުރާއިރު، 15 ޓަވަރެއްގެ މަސައްކަތް ނިމިފައިވީ ނަމަވެސް، 16 ވަނަ ޓަވަރުގެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
މި މަޝްރޫއަކީ އާދަޔާ ހިލާފު ބޮޑު އަގުގައި ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ޗައިނާ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 18 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 278 މިލިއަން ރުފިޔާ އެވެ. މިއީ 17 ބުރީގެ ދެ ފްލެޓް ބިލްޑިން އެޅޭނެހާ ފައިސާއެވެ.
އެ މަސައްކަތް ހަވާލުކުރީ ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ގެ ރޭޓުންނެވެ. މުޅި މަޝްރޫއަށް ހަރަދުވާނީ 160 މިލިއަން ރުފިޔާކަމަށް ކަމާބެހޭ މާހިރުން ލަފާކުރެ އެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާކުރައްވައިފި
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ
