އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަން އޮތް ކަމަށް ބުނާތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

މިހާރު ނޫހަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ 241 ކޮމިޓީއަށް ލިބިފައިވާ ލިސްޓުގައި އޭނާގެ ނަން އެބައޮތް ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. ނަމަވެސް އެ ލިސްޓުގައި އޭނާގެ ނަން އޮންނަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑާ ސުވާލެއް ވެސް ކޮށްލާފައެއް ނޯންނާނެ، އެއްވެސް އިދާރާއަކުން އެ މައްސަލައިގައި. އެހެންވެ އަޅުގަނޑަށް ވެސް ޝޮކަކަށް ވި ނަން އޮތޭ ކިޔާތީ. އެކަމަކު އެގޮތަށް ވާހަކަ ދެއްކެވޭ ނަމަ އަޅުގަނޑު ކޮމިޓީގައި އިނުމަކީ އިންޓަގްރިޓީ ހުރި ގޮތެއް ނޫން،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އާޒިމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އާންމު ކުރުމަށް ގޮވާލި އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު އަންނަނީ އެ ލިސްޓު އާންމު ކުރުމަށް ދެކޮޅު ހައްދަވަވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓް އާންމު ކުރުމަށް އޭނާ ދެކޮޅު ނަހައްދަވާ ކަމަށާއި ބައެއް މީޑިއާތަކުން އޭނާ ދެއްކި ވާހަކަ އޮޅޭގޮތަށް ރިޕޯޓް ކުރީ ކަމަށެވެ. އެގޮތުން އޭނާ ތާއީދު ކުރަނީ އެ ޚިޔާނާތުގެ ތަހުގީގު ނިމިފައިވާ މީހުންގެ ނަންނަތައް އާންމު ކުރުމަށް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ތަހުގީގު ނިމިފައިވާ ފަރާތްތަކަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިތުރުން ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިނިކެވެ.