ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެމުންދާ ޒުވާން ތަރި ލަމީން ޔަމާލްއަކީ މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.
ނަމަވެސް، އޭނާ ކުޅެން އަރާއިރު އަޅާ ބޫޓަށް ފަރުވާތެރިކަރާއެކު ބަލާލައިފިނަމަ، ވަރަށް ތަފާތު އަދި ހިތްގައިމު ސިއްރެއް ފެންނާނެ އެވެ.
ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު ނަމަވެސް، އޭނާގެ ހާއްސަ އެޑިޑާސް އެފް50 ބޫޓުގައި ސްޕެއިންގެ ދިދައެއް ނުހުރެ އެވެ. އޭގެ ބަދަލުގައި ފެންނަން ހުންނަނީ މުޅިން ތަފާތު ދެ ގައުމެއްގެ ދިދަ އެވެ. އެއީ މޮރޮކޯއަދި އެކުއެޓޯރިއަލް ގިނީގެ ދިދަ އެވެ.
މި ދެ ދިދަ އޭނާގެ ބޫޓުން ޖާގަ ހޯދި ސަބަބަކީ ފުޓްބޯޅައާ ގުޅުންހުރި ސަބަބެއް ނޫނެވެ. އެއީ އޭނާގެ އާއިލާއާއި، އޭނާގެ އަސްލާ ގުޅިފައިވާ ވަރަށް އަސަރުގަދަ ސަބަބެކެވެ.
މައިންބަފައިންގެ ގައުމަށް ދިން ހާއްސަ ޝަރަފެއް
ބާސެލޯނާއަށް އުފަންވެ، ސްޕެއިންގެ ފުޓްބޯޅަ ސިސްޓަމްގެ ތެރެއިން ކުރިއަރައިގެން އައި ނަމަވެސް، ޔަމާލްގެ އާއިލީ ފަސްފަހަތް ގުޅިފައިވަނީ އެފްރިކާގެ ދެ ގައުމަކާއެވެ. އޭނާގެ ބައްޕައަކީ މޮރޮކޯއަށް އުފަން މީހެކެވެ. އަދި އޭނާގެ މަންމައަކީ އެކުއެޓޯރިއަލް ގިނީއަށް އުފަން މީހެކެވެ.
ޔަމާލްގެ ބޫޓުގައި މި ދެ ދިދަ ޖަހާފައިވަނީ އޭނާގެ މައިންބަފައިންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނާއި، އޭނާގެ ހަށިގަނޑުގައި ހިނގަނީ އެ ދެ ގައުމުގެ ލޭކަން ދުނިޔެއަށް ހާމަ ކޮށްދިނުމަށެވެ.
މިއީ އޭނާ ކިތަންމެ ބޮޑު ތަރިއަކަށް ވިޔަސް، އޭނާގެ އަސްލާއި އާއިލާގެ މަތިން ހަނދާން ނައްތާ ނުލާނެކަމުގެ ހެކިލާލެވޭނެ ރީތި މިސާލެކެވެ.
ތިން ގައުމެއްގެ ފުރުސަތު
ޔަމާލްގެ ހުނަރުވެރިކަން ފާހަގަވާން ފެށުމާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި އޭނާއަށް ތިން ގައުމަކަށް ކުޅުމުގެ ފުރުސަތު އޮތެވެ. އެއީ އޭނާ އުފަންވި ސްޕެއިންގެ އިތުރުން ބައްޕަގެ ގައުމު ކަމަށްވާ މޮރޮކޯއާއި މަންމަގެ ގައުމު އެކުއެޓޯރިއަލް ގިނީ އެވެ.
މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ޔަމާލް އެ ގައުމަށް ކުޅުވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެ ގައުމުގެ ފުޓްބޯޅަ ރައީސް ފައުޒީ ލެކްޖާ ޔަމާލްގެ އާއިލާއާ ބައްދަލުކޮށް، އެ ގައުމުގެ ދިގު މުއްދަތުގެ ޕްލޭންތައްވެސް ހިއްސާކުރި އެވެ.
ނަމަވެސް ޔަމާލް ނިންމީ އޭނާ ކުޑައިރުއްސުރެ ތަމްރީނުވެ، ބޮޑުވި ސްޕެއިންއަށް ކުޅުމަށެވެ. މޮރޮކޯގެ ފެޑެރޭޝަނުންވެސް ވަނީ ޔަމާލްގެ މި ނިންމުމަށް އިހުތިރާމް ކޮށްފަ އެވެ.
ޔަމާލް ސްޕެއިން އިހުތިޔާރު ކުރި ނަމަވެސް، އޭނާގެ ބޫޓުގައިވާ ދެ ދިދައިން ބުނެދެނީ އޭނާގެ ހިތުގައި އެ ދެ ގައުމަށް އޮތް ލޯތްބާއި ގަދަރު ކުޑަނުވާނެ ކަމެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މައިދާނުގައި ޔަމާލް ވިދަމުންދާއިރު، އޭނާގެ ބޫޓަކީ ތިން ގައުމެއްގެ ސަގާފަތާއި ޝަހްސިއްޔަތު ރަމްޒުކޮށްދޭ ހާއްސަ ނިޝާނެކެވެ.
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟
އީރާނުގެ މަންދޫބުން މަރާލުމަށް އިޒްރޭލުން މަސައްކަތްކުރި: ރިޕޯޓް
ބެންފް ނެޝަނަލް ޕާކް: ކެނެޑާގައިވާ ފުރިހަމަ މަންޒިލެއް!