"ދެން މިފޮނުއްވެވި މީހުން، ނާ ދޮށަށް ގޮސް އެމަނިކުފާނާއި ބައްދަލުވެ، އެމީހުން ދިޔަ ދޯންޏަށް އެމަނިކުފާނު ލައިގެން މީސްތަކުން ލޯތަކަށް ނިވާވާ ހިސާބަށް ދުރަށް ގޮސްފައި އެމަނިކުފާނުގެ ގައިކޮޅުގައި ބަރޯސީ ބަނދެފައި އެމަނިކުފާނު ކަނޑަށް އެއްލައިލީމާ ކަނޑުވެ މަރުވީޔޭ"
މަތީގައި އެވަނީ ދިޔަމިގިލީ ދަރިކޮޅުގެ އެންމެ ފަހުގެ ރަސްގެފާނު އައްސުލްތާނު މުހައްމަދު ޣިޔާސުއްދީން އަވަހާރަ ކޮށްލި ހާދިސާ ދިވެހި ތާރީޚުގައި ބަޔާން ކޮށްފާއިވާ ގޮތެވެ. އެއީ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް، މައްކާއަށް ވަޑައިގެންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން ކަން ހިނގައި ދިޔަ ގޮތެވެ. ދިރި ހުންނަވަނިކޮށް ހަށިގަނޑުގައި ބަރު ބަނދެފައި ކަނޑު ފައްތާލީ އެވެ. ދިވެހި ރަސްކަމުގެ ތަޚުތުގެ ބޭނުމުގަ އެވެ.
ޣިޔާސުއްދީނަކީ އައްސުލަތާނު ހަސަން އިއްޒުއްދީނު (ދޮން ބަންޑާރައިން)ގެ ވެރިކަމަށްފަހު، ރާއްޖޭގެ ވެރިކަމަށް އިސްވެ ވަޑައިގެންނެވި ރަސްގެފާނެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަމަށް އިސްވެ ވަޑައިގެންނެވީ ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށްފަހުގަ އެވެ. ހޮޅިން ރާއްޖެއަށް އަރައި ގަނޑުވަރު އަންދައި އޭރު ރަސްކަމުގައި ހުންނެވި ދިޔަމިގިލީ ދަރިކޮޅުގެ ރަސްގެފާނު ސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީން އެ މީހުންނާ އެކު ގެންދިޔައީ އެވެ. ރަސްގެފާނާ އެކު ރަސްގެފާނުގެ ބޭބޭފުޅު އިބްރާހިމް ރަސްގެފާނުގެފާނުގެ ދަރިކަލުން މުހައްމަދު (ފަހުން ޣިޔާސުއްދީން ރަދުން) ވެސް ގެންދިޔަ އެވެ.
މަލަބާރިން ގެންދިޔަ ރަސްގެފާނާއި މުހައްމަދު މަނިކުފާނާއި ދެބޭފުޅުން މިނިވަން ކުރެއްވޭތޯ ދޮން ބަންޑާރައިން ވަރަށް މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކުން ކާމިޔާބެއް ނުވެ، ސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީން މަލިކުގައި އަވަހާރަވީ އެވެ. ދޮންބަންޑާރައިން ވެރިކަމާ ރަސްމީގޮތުން ހަވާލުވެ ވަޑައިގެންނެވީ އޭގެ ފަހުންނެވެ.
ރާއްޖޭގެ ރަސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ދިފާއީ ބާރު ވަރުގަދަ ކުރައްވައި މާލޭގެ ކޮއިލުތައް އަލުން ބިނާ ކުރައްވައި ކަންތައް ތަރުތީބު ކުރެއްވި އެވެ. ރާއްޖެއަށް އަމާންކަން ލިބި ސުލްހަ މަސްލަހަތުގައި ވެރިކަން ހިނގަމުން ދަނިކޮށް މަލަބާރިން ގެންދިޔަ މުހައްމަދު މަނިކުފާނަށް މާލެ އާދެވޭ ގޮތް މެދުވެރިވި އެވެ.
މުހައްމަދު މަނިކުފާނު މާލެ ދުރުވުމުން ރަސްމީ އިއްޒަތުގައި އެމަނިކުފާނު ރަށަށް ބާލުއްވައި އެތެރެ ކޮއިލުގައި ރަސް ދަރިކަލެއް ފަދައިން ގެންގުޅުއްވި އެވެ.
އަމާންކަމާއި ސުލްހަ މަސަލަސްކަންމަތީގައި ރަސްކަމުގެ ދުވަސްތައް ހޭދަކުރެއްވުމަށްފަހު ދޮން ބަންޑާރައިން އަވަހާރަވުމުގެ ކުރިން ބަލި އެނދުގައި އޮންނަވައި ވަސިއްޔަތް ކުރެއްވީ އިބްރާހިމް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު މަނިކުފާނަށް ރަސްކަން ހަވާލު ކުރުމަށެވެ. ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަން އޭގެ އަހުލުވެރިންނަށް ހަވާލު ކުރެއްވީ އެވެ. ދޮން ބަންޑާރައިން ވެ ވަޑައިގެންނެވީ އެ ވެރިކަމަށް ރާއްޖޭގެ އެތެރެއިން ރޭވިގެން ބޭރުން ދިމާވި އުދުވާނުން ސަލާމަތް ކޮށްދެއްވައި ހިމާޔަތް ކޮށްދެއްވި ބޭކަލަކަށެވެ.
ދޮންބަންޑާރައިން އަވަހާރަވުމަށްފަހު ސުލްތާނު މުހައްމަދު ޣިޔާސުއްދީނުގެ ނަންފުޅުގައި ރާއްޖޭގެ ރަސްކަމަށް މުހައްމަދު މަނިކުފާނު އިސްވެ ވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވެރިކަމަކީ އަދުލުވެރިކަމާއި އިލްމު ފެތުރުއްވުމަށް މަސައްކަތް ކުރެއްވުމާއި ދަންނަ ބޭކަލުންނަށް މަތީ ދަރަޖަ ލިބުނު ރަސްކަމެއް ކަމަށް ވެ އެވެ. ދިވެހި ބަހުން އެންމެ ފުރަތަމަ ބަސްފޮތެއް އެކުލަވައިލެއްވީ ވެސް އެ ރަސްގެފާނުގެ އަމުރުފުޅަށެވެ. ރާއްޖޭގެ މައިގަނޑު ކެއުމުގެ މުހިންމު ބާވަތެއް ކަމަށްވާ ބަނބުކެޔޮ ގަސް ރާއްޖެއަށް ތައާރަފު ކުރެއްވީ ވެސް އެ ރަސްގެފާނެވެ.
ޣިޔާސުއްދީނު ރަދުން 7 އަހަރާއި 35 ދުވަހު ރަސްކަން ކުރެއްވުމަށްފަހު ހައްޖަށް ފުރައިވަޑައިގެންނެވި އެވެ. ހައްޖަށް ވަޑައިގެންނެވީ ރަސްކަން ހިންގެވުން އިބްރާހިމް ރަސްގެފާނުގެ އާމިނާ ކަނބާފާނުގެ ދެމަފިރި ކަނބަލުންނާ ހަވާލު ކުރައްވާފަ އެވެ.
ޣިޔާސުއްދީން ހައްޖަށް ފުރާވަޑައިގަތުމާ އެކު ދޮން ބަންޑާރައިންގެ އެއްބަފާ ހުސެއިން ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން މުހައްމަދު މަނިކުފާނު އިސްވެ ހުންނަވައި ރަސްކަން ފިރުކައިގެންފި އެވެ. ސުލްތާނު މުހައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ނަންފުޅުގައި ރަސްކަމަށް އިސްވެ ވަޑައިގެންވުމަށްފަހު ޣިޔާސުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެގަނޑުވަރުގެ ލަކުޑިން ކުޑަ މިސްކިތެއް ބިނާ ކުރެއްވި އެވެ. އެއީ މިހާރު ވެސް ފެންނަން ހުރި ކަޅުވަކަރު މިސްކިތެވެ. ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުން އެކި ރަށްރަށަށް އަރުވާލެއްވުމަށްފަހު އެ ދަރިކޮޅުގެ ހުރިހާ މުދަލަކާއި ގެދޮރު އަތުލެއްވި އެވެ. ހަމައެކަނި ދޫކޮށްލެއްވީ ދިޔަމިގިލީގައި ހުރި ގަނޑުވަރެވެ.
ރަސްކަން ފުރޮޅާލައްވައި ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވާ އެންމެންގެ މުދާ ހިއްޕެވުމަށްފަހު މުހައްމަދު ޝަމްސުއްދީން ރަސްކަމުން ފައިބާވަޑައިގެން ދޮން ބަންޑާރައިންގެ ދަރިކަލުން މުހައްމަދު، ސުލްތާނު މުހައްމަދު މުއިއްޒުއްދީން އިސްކަންދަރުގެ ނަމުގައި ރަސްކަމަށް އިސްކުރެއްވި އެވެ.
ޣިޔާސުއްދީން ރަދުން ހައްޖުން އެނބުރި ވަޑައިގެންނެވި އިރު މާލޭގެ ކަންތައް ބަދަލުވެފައި އޮތް ގޮތް އެނގިވަޑައިގެން ރަސްގެފާނު ވިދާޅުވި ގޮތަކަށް ސުލްހަވެރިކަމާ އެކު އުޅުމުގެ ހުއްދައަށް އެދި ފަތެއް ފޮނުއްވި އެވެ. އެ ފަތް ބެއްލެވުމަށް ފަހު ޣިޔާސުއްދީން ހުންނެވި އޮޑިއަށް ފޮނުއްވި މީހުންނަށް އަންގަވާފައި އޮތް ގޮތަށް އެމަނިކުފާނަށް އޮޅުވާލައިގެން އޮޑިން ބާލައިގެން ގެންގޮސް ބަރު ބަނދެފައި ކަނޑަށް ފައްތާލީ އެވެ.
ރަސްގެފާނު ކަނޑު ފެއްތުމަށްފަހު ޖަހައިގަތް ވެރިކަމުގެ ސިލްސިލާ ރާއްޖެއިން ރަސްކަން އުވިދަންދެން ދެމިގެން ދިޔަ އެވެ.
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކްއެއް ނުފެނުނު!