ފިތުރު އީދުގެ ބޮޑު ޖަމާއަތް މިއަހަރު ނުބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެގޮތަށް ނިންމަވާފައި ވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ފިތުރު އީދު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ގައިދުރުކަމާއެކު މިސްކިތްތަކުގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން އަތޮޅުތަކުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ރަށްރަށުގައި ވެސް ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުބާއްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޯވިޑްގެ ކޭސްތައް ނެތް އާއްމު ހާލަތުގައިވާ ރަށްރަށުގައި ފިތުރު ނަމާދު ކުރާނެ ގޮތް އެ ރަށެއްގެ ކައުންސިލުން ނިންމަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެގޮތުން ކައުންސިލުން ނިންމާ ނަމަ އެފަދަ ރަށްރަށުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފިތުރު ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ މިހާރު ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޢާއްމުކޮށް މީހުން އެއްވެ އުޅުން މަނާކޮށްފައިވާއިރު މާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސްވަނީ ކާފިއު އިއުލާންކޮށްފަ އެވެ. މީގެ އިތުރުން މިސްކިތްތަކުގައި ނަމާދުކުރުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގައިފަ އެވެ. އަދި ހަމަ އެއާއެކު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތައް ގޮސްގެން ނަމާދުކުރުމުގެ ބަދަލުގައި ގޭގައި ނަމާދުކުރުމަށް ވެސް ވަނީ އިރުޝާދުދީފަ އެވެ.