ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ދައުވާ ކުރަން ފޮނުވާނެ ވަކި ދުވަހެއް ސީދާކޮށް ބުނަން ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ. މީގެ ތެރެއިން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އަހްމަދު އަދްހަމްއެވެ.
ޓެރަރިސްޓު ހަމަލާގެ ތަހުގީގުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ނަޝީދަށް ހަމަލާދިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަމުގައި ވަރަށް ގިނަ ކަންކަން ބަލަން ޖެހޭ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ޓެރަރިޒަމް ގާނޫނުގެ ދަށުން ހައްޔަރު ކުރެވޭ މީހުންނަށް ދައުވާކުރަން ފޮނުވަން ޖެހޭ މުއްދަތު އެބައޮތް ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އިތުރު ކުރެވޭނެ ގޮތްތަށް ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތުންނާއި މައްސަލައިގެ ބާވަތުން ހައްޔަރުގައި ތިބި މީހުންނަށް ދައުވާކުރަން ފޮނުވާނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.
"ދައުވާ ކުރާނެ މުއްދަތެއް ކަނޑައަޅާ ދަންނަވަން ސީދާ ދަތި. މިވެނި ދުވަހެއްގެ ތެރޭގައި، މިމަސް ނިމޭއިރު، އެގޮތަށް މަހެއް ކަނޑައަޅަން،" އޭނާ ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ، ފުލުހުން މައްސަލަ ތަހުގީގުކުރަނީ ހައްޔަރުކުރި މީހުންނަށް ލިބިދޭ ޖެހޭ ހުރިހާ ހައްގުތަކެއް ފޯރުކޮށްދީގެން ކަމަށެވެ. އަދި ފުލުހުން ގެންދަނީ ވެސް ހުރިހާ އިޖުރާއުތަކެއް ރަނގަޅަށް ފުރިހަމަ ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެ މީހުން ވަނީ ބޮން ގޮއްވާލި ކަމަށް އިންކާރުކޮށްފަ އެވެ. އެމީހުން އިންކާރުކުރި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިދީފަ އެވެ.
އެ މީހުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރިޔާޒު ވިދާޅުވީ، އެކަމުގެ މައުލޫމާތު އެރުވެން ނެތް ކަމަށެވެ. ނަމަވެސް ފުލުހުން ބަރާބަރަށް އެ ތިން މީހުންނާ ސުވާލުކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ޓެރަރިސްޓު ހަމަލާގެ ތަހުގީގު މައުލޫމާތު ރިއަލް ޓައިމްގައި ހިއްސާ ނުކުރާނެ ކަމަށެވެ. އެކަން ކުރާނީ ޑިލޭތަކަށް ފަހު ކަމަށާއި އެއީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.