ޖޫރިމަނާ ކޮށްގެން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ މިދިޔަ އަހަރަށް ވުރެ 42 ޕަސެންޓް އިތުރުވެ، އެ އަދަދު 90 މިލިއަން ރުުފިޔާއަށް އަރައިިފި އެވެ،

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނެރެފައިވާ ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 90 މިލިއަން ރުފިޔާ ދައުލަތަށް ހޯދި އެވެ. އެ އަދަދަކީ މިދިޔަ އަހަރު ލިބުނު 52 މިލިއަން ރުފިޔާއާ އަޅާބަލާއިރު 42 ޕަސެންޓުގެ އިތުރު ވުމެކެވެ. ޖުމްލަ އާމްދަނީގެ 1.6 ޕަސެންޓް ހިއްސާ ވަނީ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އެވެ.

މިދިޔަ އެޕްރީލް މަހު އެކަނި ޖޫރިމަނާގެ ގޮތުގައި 57 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު 4.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑުތަން އިތުރު ވުމެކެވެ. އަދި މިދިޔަ މަހު ޑޮލަރުން ޖޫރިމަނާގެ ގޮތުގައި 3.1 މިލިއަން ޑޮލަރު ލިބުނެވެ.

ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބޭ އާމްދަނީ ބޮޑުތަނުން މަތިވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ އެކި ފިޔަވަޅުތައް މުގުރާލާ މީހުންނަށް ބޮޑެތި ޖޫރިމަނާތަކެއް ދަނީ ކުރަމުންނެވެ. އަދި އާއްމުންގެ އެންމެ ބޮޑަށް ކަންބޮޑުވާ ސްޓިކާ ޖަހައިގެން ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރެވެ.