ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ވަގަށް ނެގި ފައިސާގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރަން ފޮނުވުމަށް ތައްޔާރުވެފައިވާކަން އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުން ހާމަވެއްޖެ އެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުން އާންމުކުރަން ނިންމާފައިވާ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި މަހުލޫފްގެ ނަން ހިމަނާފައިވާއިރު، އޭނާގެ މައްސަލާގެ ތަހުގީގު ނިމި، ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ދައުވާ ކުރަން ތައްޔާރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ކޮރަޕްޝަންގެ އެ މައްސަލާގައި ދައުވާ ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމާފައިވާއިރު މިއީ ޖޮއިންޓް ތަހުގީގެއް ކަމުން، މައްސަލަ ފުލުހަށް އެ ކޮމިޝަނުން ފޮނުވާފައިވާތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާންމުކުރި މައުލޫމާތަށް ބަލާއިރު މަހުލޫފަށް އެމްއެމްޕީއާރްސީގެ ފައިސާތަކުގެ ތެރެއިން 33،000 ޑޮލަރު ލިބުނެވެ. ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމަށް ނެންގެވި ފައިސާތަކެއް ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.
އެގޮތުން، މަހުލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީއިން ޑޮލަރު ގަންނަން ޖެހިވަޑައިގަތީ އެ ދުވަސްވަރަކީ ޑޮލަރު ގަތުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުން ދާތީ ކަމަށެވެ. އެކަމަކު އެ މުއާމަލާތް ކުރީ އެއީ ހިޔާނާތުގެ ފައިސާކަން އެނގި ހުންނަވައިގެން ނޫން ކަމަށް ވިދާޅުވި އެވެ،
މަހުލޫފް އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތިވުމާ އެކު އެ މައްސަލަ ތަހުގީގު ކުރުމަށް އެންމެ ފުރަތަމަ ވެސް ގޮވާލެއްވި ފަރާތެވެ.މަހުލޫފްގެ ނަން ލިސްޓަށް އަރާފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނަން ލިސްޓްގައި އޮތް ބޭފުޅުން މަގާމުތަކުން ވަކި ކުރަން ނިންމާފަ އެވެ.
އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ވާން މިއުޅޭ ގޮތަކީ ސަރުކާރުގައްޔާއި މަޖުލީހުގައި ތިބި ރައީސްގެ ބޭފުޅުންކޮޅު ބޭރު ކުރަން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ވަގުންގެ އުންސުރު ހަމަމައެއް ނުވާނެ. ކިހިނެއް ދައުވާ ކުރާނީ އަނެއް ކޮޅުން މަހޭ އެކަން ކުރީ ހެޔޮނިޔަތުގައި. ކިތަންމެ ބޮޑު ފާފަޔަކަށް އަރައިގަނެފަ ވެސް ނިޔަތް ހެޔޮވެއްޖިއްޔާ އެމްޑީޕީ މީހެއް ވިއްޔާ އެ މީހެއްގެ ކުށެއް ނޯންނާނެ.