އިތުރު 1،572 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،315 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 242 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު އިއުލާންކުރި ޕޮޒިޓިވް ކޭސްތަކުގެ އިތުރު ތަފްސީލް

  • 3 މެއި - 1
  • 4 މެއި - 3
  • 5 މެއި - 16
  • 6 މެއި - 17
  • 7 މެއި - 20
  • 8 މެއި - 666
  • 9 މެއި - 165
  • 10 މެއި - 440
  • 11 މެއި - 828
  • 12 މެއި - 16

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 40،092 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 12،873 ގައި މިހާރު ހުރިއިރު 17،123 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 263 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 87 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާތީ ގދ. ތިނަދޫ، ފ. ނިލަންދޫ، ލ. ގަން، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.