އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލާފައިވީ ނަމަވެސް، ވޭތުވެދިޔަ ބަންދު ދުވަސްތަކުގައި އީރާނުގެ ހަނގުރާމައިގެ ދާއިރާ ވަނީ ފުޅާވެފަ އެވެ. އެގޮތުން، އީރާނާ ގުޅުން އޮންނަ ޔަމަނުގެ ހޫތީން ރަތްކަނޑުގެ އައްސޭރިފަށުގައި ހުރި ސައުދީ އަރަބިއްޔާގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދީފައިވާއިރު، ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދީފައިވާ ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، އީރާނާ ދެކޮޅަށް ކަނޑުމަގުން އަޅާފައިވާ ހުރަސްތައް އަދިވެސް ދެމިއޮތް ނަމަވެސް، ޖެހިޖެހިގެން 13 ރޭ ވަންދެން ދެމުންދިޔަ ވަރުގަދަ ހަމަލާތައް މެދުކަނޑާލި ސަބަބެއް ހާމައެއް ނުކުރެއެވެ. މީގެ އިތުރުން، އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އަވަށްޓެރި ގައުމުތަކަށް ދެމުންދިޔަ ހަމަލާތައް ވެސް މި ބަންދު ދުވަސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެއެވެ.
ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން ސުވާލުކުރުމުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕް އަބަދުވެސް އިސްކަންދެއްވަނީ ހާރިޖީ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށް ކަމަށާއި، ނަމަވެސް ސީރިއަސްކަމާއެކު މަޝްވަރާގެ މޭޒަށް ނައިސްފިނަމަ ކުރިމަތިވާނެ ނަތީޖާ އީރާނަށް ދައްކަވައިދެއްވާފައިވާ ކަމަށެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމުގެ ރޭވުންތައް މިވަގުތަށް މަޑުޖައްސާލުމަށް ރައީސް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ރައީސާއި އެމަނިކުފާނުގެ މުޝީރުން ކަންބޮޑުވަނީ ހަމަލާތައް ފުޅާވެގެން ދިއުމާއި، އަސްކަރީ ސާމާނު ހުސްވުމާއި، ގަލްފުގެ ބައިވެރިންނާ އޮތް ގުޅުން ހީނަރުވުމުގެ އިތުރުން ހަކަތައިގެ ސާމާނު ފޯރުކޮށްދިނުމަށާއި ދުނިޔޭގެ އިގްތިސާދަށް އަތުވެދާނެ ނޭދެވޭ އަސަރުތަކާ މެދުގަ އެވެ.
އެމެރިކާގެ އޮފިޝަލަކު ސީއެންއެން އަށް މައުލޫމާތު ދިން ގޮތުގައި، ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމެއްގައި ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން ވަނީ އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ހުސްވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ޑިފެންސް ޑިޕާޓްމަންޓުގެ މަސްދަރަކުން ބުނެފައިވާ ގޮތުގައި އަސްކަރީ އޮޕަރޭޝަންތައް މިހާރު އޮތީ މަޑުޖައްސާލާފަ އެވެ.
ގަލްފުގެ މަސްރަހު ވަގުތީ ގޮތުން އަމާންވި ނަމަވެސް، ހޮނިހިރު ދުވަހު ހޫތީންނާއި ސައުދީއާ ދެމެދު ހިނގި ކުރިމަތިލުންތަކުން ހާމަވަނީ، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ފޮނުވުމަށް ހުރަސްއެޅިފައިވާ މި ހަނގުރާމައިގެ ސަބަބުން ކަނޑުމަގުން މުދާ އުފުލާ ދެވަނަ މައި މަގަށް ވެސް ނުރައްކާވެ، ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ހުޅުފަޅައިގެން ގޮސްފާނެ ކަމެވެ. މީގެ އިތުރުން، ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ މުދާ އުފުލާ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދީ، ފަޅުވެރިއަކު މަރުވެ އަދި އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށް ބުނެ އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ތުހުމަތުކޮށްފަ އެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ 'އިރްނާ' އިން ބުނި ގޮތުގައި، އީރާނުން ވަނީ ތެހެރާންގައި ހުންނަވާ ޔޫކްރެއިނުގެ ޗާޖް ޑި އެފެއާޒް ހާޒިރުކޮށް، އެއީ އަދާވާތްތެރި އަދި ޖިނާއީ އަމަލެއް ކަމަށް ބުނެ އިހުތިޖާޖުކޮށްފަ އެވެ. އީރާނުގެ މި ތުހުމަތުތައް އައީ، ރަޝިޔާއިން މެދުއިރުމަތީގެ ސެޓެލައިޓް މައުލޫމާތު އީރާނަށް ފޯރުކޮށްދެމުންދާ ކަމަށާއި، އެއީ އެ ސަރަހައްދަށް ހަމަލާތައް އަމާޒުކުރުމަށް އެހީތެރިވުމަށް ކުރާ ކަމެއް ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވި ދަނޑިވަޅެއްގަ އެވެ.
ހަނގުރާމަ ޔަމަނަށް ފެތުރިދާނެ ކަމުގެ ބިރު
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވީ، ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި 'އަރާމްކޯ' ގެ ޖީޒާން އަދި ޔަންބޫގައި ހުރި ތަންތަނަށް ހޮނިހިރު ދުވަހު ހަމަލާދީފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަދި ރޮއިޓާސްއިން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޔަމަނުގެ ބޯޑަރު ކައިރީގައި އޮންނަ ޖީޒާންގައި ހުރި އަރާމްކޯގެ ރިފައިނަރީން ބޯ ދުންގަނޑެއް އަރަމުންދެ އެވެ. އެ ރިފައިނަރީއަކީ ދުވާލަކު 400,000 ފީފާ ތެޔޮ ސާފުކުރުގެ ގާބިލުކަން ހުރި ތަނެކެވެ.
އޭޝިއާގެ ވިޔަފާރި މަސްދަރުތަކުން ބުނާ ގޮތުގައި ޖީޒާންގެ ތެޔޮ ރައްކާކުރާ ތަންތަނަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް އަރާމްކޯއިން މިކަމާ ބެހޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ޔަންބޫއަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލެއް ވަނީ ހުއްޓުވާފަ އެވެ. ޔަންބޫއަކީ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅީގެ ބަދަލުގައި ސައުދީން ބޭނުންކުރާ މައިގަނޑު އެއް ބަނދަރެވެ.
ސައުދީ ކޯލިޝަނުން ހުދައިދާއަށް ހަމަލާދިނުން
ޔަމަނުގެ އޮފިޝަލުން ބުނާ ގޮތުގައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސައުދީގެ އެހީތެރިކަން ލިބޭ ސަރުކާރުގެ ވައިގެ ސިފައިން ވަނީ މާރިބް އަދި އަލް-ޖައުފް ޕްރޮވިންސްގައި ހުރި ހޫތީންގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އަދި ދާހިލީ ހަނގުރާމައިގެ ދެ ފަރާތުން ވެސް ފްރަންޓްލައިންތަކަށް ސިފައިން ޖަމާކުރަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަނީ ހޫތީން ޔަމަނުގެ ވެރިރަށް ސަންއާ ހިފި ހިސާބުންނެވެ. 2022 ވަނަ އަހަރުން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، މި މަހު އެ އެއްބަސްވުން ވަނީ ރޫޅިފަ އެވެ. ހޫތީން މިހާރު ވަނީ އީރާނާ ގުޅިގެން، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވެފަ އެވެ. ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ވިދާޅުވެފައިވަނީ ސައުދީގެ ހުރިހާ ތެޔޮ ވަސީލަތްތަކަކީ އެމީހުންގެ އަމާޒުތަކެއް ކަމަށެވެ.
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި
މާރާމާރީގެ މައްސަލާގައި ކްރިސް ކުށަށް އިއުތިރާފް ވެއްޖެ