އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓްގައި ހިމެނިފައިވަނީ ސަރުކާރުން ޖަވާބުދާރީ ކުރުވަން ކުރަމުންގެންދާ މަސައްކަތްތައް ހުޓްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ
ރާއްޖޭގައި މިހާތަނަށް ހިނގާދިޔަ ޚިޔާނާތުގެ އެންމެ ބޮޑު މައްސަލަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓެއް ވަނި އިއްޔެ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފަ އެވެ.
އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ އެއްވެސް ލާރިއެއްގައި ޖެހިފައިނުވާނެ ކަމަށާއި އެ ލިސްޓްގައި ނަން ހިމެނިފައި ވަނީ ސަރުކާރުން ޖަވާބުދާރީކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށެވެ.
ސިޔާސީ ދާއިރާއަށް ވަދެ ވަޑައިގަތީ އިޚުލާސްތެރިކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމާއި އަދި ސިޔާސީ ހަޔާތް ﷲ އިރާދަފުޅުން ނިންމާނީ ވެސް އެގޮތުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މިކަމުގެ ޔަގީންކަން އެ މަނިކުފާނުގެ ދާއިރާގެ ރައްޔިތުންނަށާއި ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ނަން ލިސްޓަށް ގެނެސްފައި ވަނީ، އަދީބު ޖަލުގައި ތަންފީޒުކުރަން ޖެހޭ ހުކުމެއް ގޭގައި ހުރެގެން ތަންފީޒު ކުރުމުގެ ބޭނުމުގައި ސަރުކާރާއެކު ހެދި ޑީލްގެ ތެރެއިން ކަމަށާއި މިހާރު ދައުރުވާ ލިސްޓްތަކުން ބައެއް ނަން އުނިވެ، އަނެއްބައި ނަން އިތުރުވަމުންދާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކުރުން އަވަސް ކުރުމަށް އަބަދުވެސް ގޮވައިލަމުންދާ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާ، އަލުން ތަހުގީގު ކުރުމަށް ވެސް ޝިޔާމް ވަނީ މިއަދު ކުރެއްވި ޓުވީޓްގައި ގޮވައިލައްވާފަ އެވެ.