މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަންގައި ހިމެނޭ ލިސްޓު ރައްޔިތުންގެ މަޖިލީހުން އާންމު ކުރުމުގެ ކުރިން އެ ލިސްޓުކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ފޭކް ލިސްޓު އާންމުކުރުމާއެކު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.

އެއީ ފޭކް ލިސްޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން މިލިއަނުން ރުފިޔާ ނަގާފައި އޮތުމުންނެވެ. އަދި އެ ދެ މީހުންގެ މެސެޖުތަށް ލީކުކޮށްލައިފައިވުމުންނެވެ.

ލީކުވެފައިވާ މެސެޖުތަކުން އެގޭ ގޮތުގައި އަދީބު އާޒިމް އާ މުހާތަބު ކުރައްވަނީ "ޕީޖީ ޑޮން"ގެ ނަމުންނެވެ. އެ ލިސްޓުގެ ހޫނު ގިނިތަކުން އާޒިމް ސަލާމަތް ނުވަނީސް މަޖިލީހުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ހިޔާނާތް ބަލާ ކޮމިޝަނުން ތައްޔާރުކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި 74 ވަނަ ނަމަކަށް އޮތީ އާޒިމްގެ ނަމެވެ. އެއާއެކު ގިނިތަކުގެ އަލިފާން ބޮޑުކުރުމަށް އާންމުން ދިޔައީ ދަރު އަޅަމުންނެވެ.

ކޮންމެއަކަސް އާޒިމްއަށް ޖެހިވަޑައިގަތީ ގިނިތަކުން ސަލާމަތްވާށެވެ. އެކަން އެގޮތަށް ކުރުމުގެ ތެރޭގައި އާޒިމް ވިދާޅުވީ ވަރަށް މަޖާ ވާހަކަ އެކެވެ. އޭނާ ވިދާޅުވީ އަދީބުއަށް ގުޅުމުން ދަބަހަހެއް ހިފައިގެން ފެންޓަސީ ކުރިމައްޗަށް އައުމަށް ވިދާޅުވި ކަމަށެވެ. ފެންޓަސީ ކުރިމަތީގައި ހުންނަނީ އަދީބާއި އެކު އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދުސޭޓު)ގެ ގެ އެވެ. ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާފައިވަނީ އެގެއިންނެވެ.

އެހެން މީހުން އެގެއިން ދަބަސް ދަބަހަށް ފައިސާ އަޅައިގެން ގެންދިޔަަސް އާޒިމް އެގެއިން ގެންދިޔައީ ދިޔާ އެއްޗެކެވެ. އެގެއިން ދަބަހަކަށް އަޅައިގެން ގެންދިޔައީ ފައިސާ ނުވަތަ ކަރުދާސް ނޫން ކަމަށާއި، ދަބަހުގައި ހުރީ ދިޔާ އެއްޗެއް ކަމަށް އާޒިމް ވިދާޅުވެފައި ވަނީ އޮންލައިން ނޫހަކަށް ދިން ބަސްދީގަތުމެއްގަ އެވެ.

ހޫނު ގިނިތަކުން ސަލާމަތްވާން އެ ބުނެވުނީ ކީކޭކަން އާޒިމަށް ރޭކަލާން ފެށީ މީހުންގެ މަލާމަތް ރައްދުވާން ފެށުމުންނެވެ. އެގޮތުން ބައެއް މީހުން ބުނަމުން ގެންދަނީ އާޒިމް ދަބަހަކަށް ލައިގެން ފޮރުވައިގެން ގެންދިޔައީ ރިހާކުރި ފުޅި އެއް ކަމަށެވެ. އަނެއް ބައި މީހުން ބުނަމުން ގެންދަނީ ރުކުރާ ކަމަށެވެ. ޓުވިޓާގައި މަޝްހޫރު އެކައުންޓަކުން ބުނެފައި ވަނީ އާޒިމް ގެންދިޔައީ ބަނގުރާ ކަމަށެވެ. އަދި ބައެއް މީހުން ބުނަނީ ވައްކަމުގެ ފައިސާ ނުލިބޭކަން ޔަގީންކޮށްދިނުމުގެ ގޮތުން އާޒިމް ދޮގު ހަދަނީ ކަމަށެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް ނޭނގެ އެވެ.