މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއްދިނުމުން ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނުވި އެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވެ އެވެ. ބޮމުގެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކުން އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވުނީ 16 ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ.

މި ނުރައްކާތެރި ހަމަލާ އަމާޒުވިއިރު ރައްޔިތުން އެންމެ ބޮޑަށް ސުވާލު އުފެއްދި އެއްކަމަކީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް މިފަދަ މައުލޫމާތެއް ދުރާލައި ލިބިފައި ނެތީތޯ އެވެ. މި މައުލޫމާތު އެނގުނު އެއްވެސް ބޭފުޅަކު ހަމަނެތީތޯ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބު ވަނީ އެ މައުލޫމާތު އޭނާ އަށް ކުރިން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވާ ގޮތުގައި ތިން މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން މީގެކުރިން މަޖިލިސް މެމްބަރަކު ވަނީ އެކަމަނާއަށް އަންގަވާފަ އެވެ.

މިކަމާ ގުޅޭގޮތުން މިރޭ ނެރުއްވި ބަޔާނުގައި އިލްޔާސް ލަބީބު ވިދާޅުވީ އާންމު މީހެއްގެ ފަރާތުން އެ މައުލޫމާތު ލިބިވަޑައިގަތުމުން ރައީސް ނަޝީދާއި މިނިސްޓަރު މާރިޔާއަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.

އެ މައުލޫމާތު ޕޮލިސް ކޮމިޝަނަރާ ހިއްސާ ކުރައްވަން މިނިސްޓަރު މާރިޔާ އަންގަވާފައިނުވާ ކަމަށް ވިދާޅުވެ، އިލްޔާން އުޅުއްވަނީ ޑިފެންސަށް ކުޅޭށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 60.1 ވަނަ މާއްދާގައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމުގެ މުހިންމު މައުލޫމާތެއް އެ ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ލާޒިމް ކުރާ ފަރާތަކާ ހިއްސާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެ ނަމަ، އެފަދައިން މައުލޫމާތު ހާމަނުކުރި ފަރާތެއް އެ ކުރަނީ ކުށެއް ކަމަށެވެ.

އިލްޔާސް އެކަމުގެ ޒިންމާ ނަންގަވަންޖެހޭކަން އެ މާއްދާއިން ސާފެވެ. ޕޮލިސް ކޮމިޝަނަރަށް މައުލޫމާތު ހިއްސާ ނުކުރެއްވިޔަސް ފުލުހުންގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ނުކުރެއްވީ ކީއްވެތޯއެވެ. ޖިނާއީ ކުށެއް މީހަކު ކުރަން އުޅޭ ކަމުގެ މައުލޫމާތެއް ލިބޭނެމަ އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަކީ ލާޒިމް ކަމެއް ކަމެއްކަން ޚުދު އިލްޔާސަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއު އިން ވެސް އެ ހަމަލާގެ ތަފްސީލީ މައުލޫމާތުތަކެއް އިލްޔާސަށް ލިބިވަޑައިގެންފައިވާކަން އެނގެ އެވެ.

"މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ރައީސް ނަޝީދަށް ބަޔަކު 3 މިލިއަން ޑޮލަރު ދީގެން ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ތިކަން ބަލަމުން ދާނަމޭ، ތިކަމަކީ ޖިނާއީ ކަމަކަށްވާތީ މެންބަރުވެސް ތިވާހަކަ ސީޕީއަށް އަންގަވައްޗޭ، އަދި ތިކަހަލަ ވާހަކައެއް އަޑުއިވުނުކަން ރައީސް ނަޝީދަށްވެސް ދަންނަވައްޗޭ، އެހެން ބުނުމުން މެންބަރު ވިދާޅުވީ މާރީ އަންގާލާށޭ، އެހިސާބުންވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ފުލުހުންނަށްވެސް އޭގައި ހިމެނޭ ޖިނާއީ ބައި މެންބަރު އަންގަވަން،" ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވި އެވެ.