ބެއިރޫތު (14 މެއި) - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ދެކުނު ލުބްނާނުން އިޒްރޭލަށް އަމާޒުކޮށް ހަތަރު ރޮކެޓް ހަމަލާ ފޮނުވާލާފައިވާ ކަމަށް ލުބުނާނުގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ. މިކަން ވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ޔަގީން ކޮށްދީފަ އެވެ.

ލުބްނާނުގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާއިން ބުނިގޮތުގައި ފޮނުވާލި ހަތަރު ހަމަލާގެ ތެރެއިންދެ ހަމަލާ އުތުރު އިޒްރޭލުގެ ސަރަހައްދަކަށް އަމާޒުވެފައިވާއިރު އަނެއް ދެ ހަމަލާ ވެއްޓިފައިވަނީ ލުބްނާންގެ ސަރަހައްދުތަކަށެވެ.

މި ހަމަލާތައް ދީފައި ވަނީ ދެކުނު ލުބްނާންގައި ވަޒަންވެރިވެފައިވާ ފަލަސްތީން ރެފިއުޖީން ކަމެއް ނުވަތަ އީރާނަށް ވާގިވެރިވާ ހިޒްބުﷲ އިން ކަމެއް އަދި ސާފުވެފައި ނުވާއިރު އިޒްރޭލުގެ އޮފިޝަލުން ވަނީ މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ބުނެފަ އެވެ.

މި ހަމަލާތައް ދިން ކަމަށް ޝައްކު ކުރެވޭ ފަރާތްތައް ލުބްނާނުގެ ދިފާއީ ބާރުތަކުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލުބްނާނުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް މިސައިލްތަކެއް ފޮނުވާލާފައި ވަނިކޮށް ދެ ގައުމު ގުޅޭ ބޯޑަރު ހުރަސް ކުރަން އުޅުނު ލުބްނާންގެ ޒުވާނުންތަކެއް ވަނީ އިޒްރޭލުގެ ސިފައިން ޝަހީދު ކޮށްލާފަ އެވެ.

ޝަހީދުކޮށްލި ޒުވާނުންގެ ތެރޭގައި ލުބްނާންގެ އަސްކަރިއްޔާއަށް ވަނުމަށް ތަމްރީނު ވަމުންދިޔަ ޒުވާނެއް ހިމެނެ އެވެ. ހިޒްބުﷲގެ މީޑިއާ އޮފިޝަލުން ވަނީ އިޒްރޭލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޝަހީދުވި ޒުވާނުންގެ ހިތާމަ ފާޅުކޮށްފަ އެވެ.

މި ޒުވާނުންގެ އިތުރުންވެސް ބޯޑަރުގެ އެހެން ސަރަހައްދެއްގައި ހަރަކާތްތެރިވި އާއްމުންގެ އިތުރު ތިން މީހަކު ވެސް ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމް ކޮށްލާފަ އެވެ.

ލުބްނާންގެ ރައީސް މޭޖާ މައިކަލް އާއޫން ވެސް ވަނީ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އޭގެ އިތުރަށް އެ މަނިކުފާނު ވަނީ އިޒްރޭލުގެ އަމަލުތައް އދ. އަށް ރިޕޯޓުކޮށް އެ ފަދަ އަމަލުތައް ކުރިއަށްދާ ނަމަ ލުބްނާނުން އަޅާނެ ފިޔަވަޅުތައް އެ ޖަމިއްޔާއަށް އެންގުމަށް އަގައުމުގެ ފޮރިން މިނިސްޓަރަށް އިރުޝާދު ދެއްވާފަ އެވެ.

މި އަމަލުތަކަކީ ހޫނުވެފައިވާ އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު އިތުރަށް ނުތަނަވަސްވާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. --އަލް އަރަބިއްޔާ