ކޮވިޑް ޖެހިގެން އިތުރު ދެ މީހަކު މިރޭ މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ އަންހެނަކު ރޭ 11:53 ގައި މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ވެސް މިރޭ 1:39 ގައި ވަނީ މަރުވެފަ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިރޭ ދެވަނައަށް މަރުވީ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 93 އަށް އެރީ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ދުވާލަކު ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 800 އިން މަތީގަ އެވެ.

މި ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް އިތުރުވެ، ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައިވާ ކަމަށާއި މިހާރު ވެސް 290 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.