އައްޑޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަނެއްގައި ހަތް މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން އައްޑޫން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އައްޑޫގައި ކުރިއަށް ގެންދަނީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާއާ އަށް ފަހު، ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނަކަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެ ހަމަލާއަށްފަހު މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ފުލުހުންނާއި ސިފައިން ގެންދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.