ދިވެހި ބަހުގެ މަޝްހޫރު އުސްތާޒު އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނއއވ) ލިބިވަޑައިގެންފައިވާ އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުން ދަނީ ފަރުވާ ހޯއްދަވަމުންނެވެ. އުމުރުފުޅުން 85 އަހަރުގެ ސޯދުބެއަށް ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމާ ގުޅިގެން ވަަރަށް ގިނަ ބަަޔަކު ދަނީ އަވަސް ޝިފާއަށް އެދި ދުއާކުރަމުންނެވެ.

ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ސޯދުބެއަކީ މިހާރު ވެސް ދިވެހި ބަހުގެ އެކެޑަމީގެ ހާއްސަ މުޝީރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

މ. މުއްޔަށް އުފަން ސޯދުބެއަކީ ސަރުކާރުގެ ހިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ނޫސްވެރިކަމާއި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަގު ނުކުރެވޭ ފަދަ މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް އެ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.