އިތުރު 741 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 560 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 156 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 25 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން 226 ކޭސް އަކީ ދުވަސްވީ ސާމްޕަލްތަކުން ޕޮޒުޓިވްވި މީހުންނެވެ. އެހެން ދުވަސްތަކާ އަޅާބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތައް ޓެސްޓް ކުރި ވަރުވެސް މަދެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން މިއަދު ޓެސްޓް ކުރީ 2881 ސާމްޕަލެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 44،523 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 15،958 ގައި މިހާރު ހުރިއިރު 28،459 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 262 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 97 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.