24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިފައިވާ ފަސް މީހަކު މަރުވެ، މިހާތަނަށް ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު 99 އަށް އަރައުފި އެވެ.

އެޗްޕީއޭ އިން ބުނީ މިރޭ 12:14 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 64 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ.

މިއަދު އުމުރުން 30 އަހަރުގެ މީހަކު ވެސް ވަނީ ކޮވިޑު ބަލީގައި މަރުވެފަ އެވެ. އަދި 87 އަހަރުގެ މީހަކާއި 83 އަހަރުގެ މީހެއްގެ އިތުރުން 80 އަހަރުގެ މީހަކު ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.

ކޮވިޑު ބަލީގެ ކޭސްތައް ފެންނަ މިންވަރު ވެސް އެތައް ގުނައެއް އިތުރު ވެފައިވާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1،000 އަށް ވުރެ ގިނަ ކޭސް ދަނީ ފެންނަމުންނެވެ. މިވަގުތު 15،000 އަށް ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

އޭގެ ތެރެއިން 262 މީހުންނަށް ފަރުވާ ދެމުން ދަނީ އެޑްމިޓްކޮށްގެންނެވެ.