ޅ. ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ހޫނުވެ އެރަށުގައި ފުލުހުންނާ ދެކޮޅަށް އިހުތިޖާޖުކޮށްފި އެވެ.

ރޭގެ ވަގުތެއްގައި ނައިފަރުގައި މަސައްކަތް ކުރައްވާ ފުލުހުން ވަނީ ދެ ޒުވާނަކު އެ ރަށު ކުނިގޮނޑު ސަރަހައްދަށް ގެންގޮސް އަނިޔާކޮށްފަ އެވެ. ދެ ޒުވާނަކަށް އަނިޔާކުރި ސަބަބަކީ އެ ރަށުގައި މަސައްކަތް ކުރާ ފުލުހެއްގެ އަންބަކަށް އެ ދެ ޒުވާނުން ވެގެން މަގުމަތިން ފޮށުނު ކަމަށް ބަޔަކު ބުނި މައްސަލައަކާ ގުޅިގެން ކަމަށް "ހުރިހާ"އަށް މައުލޫމާތު ދިން އެރަށު މީހަކު ބުންޏެވެ.

ފުލުހުން އަނިޔާކުރި ޒުވާނެއްގެ އާއިލާ މެމްބަރަކު ބުނީ، އޭނާގެ ކޮއްކޮ ގޭގައި ހުއްޓާ ފުލުހުން އައިސް ސައިކަލުގެ ފަހަތަށް އަރަން އެންގި ކަމަށެވެ. ސައިކަލު ފަހަތަށް އެރުމުން ކޮއްކު ކުނިގޮނޑު ސަރަހައްދަށް ގެންގޮސް 10 ވަރަކަށް ފުލުހުން ވެގެން ކޮއްކޮ ބިއްމައްޗަށް ވައްޓާލައި ފައިން ތެޅި ކަމަށެވެ.

އަނިޔާ ލިބުނު ޒުވާނާގެ ދައްތަ އިތުރަށް ބުނީ، ކޮއްކޮ ގެއަަށް އައިރު ހުރީ ވަރަށް ބޮޑަށް ރޮވިފައި ކަމަށެވެ. އަދި ފުލުހުން އަނިޔާކުރުމަށްފަހު އެކަން އެހެން ބަޔަކު ގާތުގައި ބުނެފިއްޔާ އަނެއްކާވެސް ތަޅާލާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށެވެ.

އެ ޒުވާނާގެ ދައްތަ ވެސް ބުނީ ފުލުހުން އަނިޔާކުރި އެރަށުގައި މަސައްކަތްކުރާ އެހެން ރަށެއްގެ ފުލުހެއްގެ އަނބިމިހާއާ މަގުމަތިން ފޮށުނު ކަމަށް ބުނެ އެވެ. ނަމަވެސް އެ ފުލުސް މީހާގެ އަންހެނުން ބުނީ އެއްވެސް މީހަކު ފޮށިފައި ނުވާ ކަމަށެވެ.

ދެ ޒުވާނުންނަށް އަނިޔާކުރި މައްސަލަ މިހާރު ފުލުހުންގެ ތެރޭގައި އޮންނަ ހާއްސަ ޔުނިޓަކުން ތަހުގީގު ކުރަމުންނެވެ.