މާލޭގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޕްރޮގްރާމް ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހު ކަމަށެވެ. އަދި އެހާތަނަށް އެކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައް ކުރިއަށްގެންގޮސް ނިންމާލެވޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެ ޕްރޮގްރާމްގައި ޖަމްއިއްޔާ ޖަމާއަތްތަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ޕްލޭންތައް ހަދައި ނިންމުމަކީ އަމާޒެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވިގޮތުގައި ފުރަތަމަ ކުރަން ނިންމާފައި އޮތް މަސައްކަތަކީ، އެކަމުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމާއި، ސީއެސްއާރު އިންޕުޓް ދޭނެ ބަޔަކު ހޯދުމާއި ފަންނީ އެހީތެރިންގެ މަޝްވަރާއާއެކު އިންދާނެ ގަސްތައް ހޯދައި އިންދާނެ ދިމަދިމާ ކަނޑައެޅުމެވެ.

"އަމާޒަކީ 2023 އަންނަ އިރު މާލޭގައި ފެހިކަން ގަދަ 10،000 ގަސް އިންދިފައި ހުރުން،" މޭޔަރު ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް މިއަދު ވަނީ ފުއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ސިޓީ ކައުންސިލުގެ މަސައްކަތްތައް ހިންގުމުގައި ޓެކްނިކަލް ކަންކަމުގައި ނިންމުންތައް ނިންމާނެ އާކިޓެކްޓުންނާއި، އިންޖިނިއަރުންނާއި، ޕްލޭނަރުން ފަދަ މުވައްޒަފުންގެ ކައުންސިލަށް ނަގަން ވެސް މިހާރު ވަނީ ނިންމާފަ އެވެ.