ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި އިތުރު ތިން މަސް ދުވަހަށް ސަރުކާރުން ފަސްކޮށްދީފި އެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅު ތެރެއިން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ މާޗު މަހުން ފެށިގެން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. އަދި ކޮވިޑާ ގުޅިގެން ސަރުކާރުން ދިން ހަ މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީން މިއަދު ބުނީ ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދިނުމަށް އެދޭތީ، މިމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުލި ދެއްކުން ފަސްކޮށްފައިވީ ނަމަވެސް ކުލި ފަސްކުރާ މުއްދަތުގައި މެއިންޓަނެންސް ފީ ދައްކަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި ހައުސިން މިނިސްޓްރީއާއެކު ކޮށްފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރަން ޖެހޭނެ ކަމަށެވެ.