ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް 1،187 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 965 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 214 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވީ 438 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 48،608 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 18،843 ގައި މިހާރު ހުރިއިރު 29،644 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 274 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 112 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.