މާލޭ ސިޓީގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބައްދަލު ކޮށްލެއްވުމަށް އެދިވަޑައިގެން މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރުންނަށް ސިޓީއެއް ފޮނުވައިފި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ރާވާފައިވާ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި އެކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަންވަން ބޭނުންފުޅުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހުރިހާ މިނިސްޓަރުންނަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން އަސާސީ ހިދުމަތްތައް ފޯރުކޮށް ދެމުން އަންނަ ސަރުކާރުގެ ކުންފުނިތަކާއެކު މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެން ވެސް ސިޓީ އެ ކުންފުނިތަކަށް ފޮނުއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ރޯޑް ކޯޕަރޭޝަނާއި ވެމްކޯ އާއި އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯ ފަދަ ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު މުއިއްޒު ވަނީ އިއްޔެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއިވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމަށާއި ގަރާޖު ހުއްދަ ދިނުން ފަދަ ކަންކަން ރައްޔިތުންނަށް ފަސޭހަކޮށް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު، މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް ތައްޔާރު ކުރައްވާ ކައުންސިލުންގެ އަގުލަބިއްޔަތުން އެ އެކްޝަން ޕްލޭން ވަނީ ފާސްކުރައްވާފަ އެވެ. އަދި އެ އެކްޝަން ޕްލޭންގައި ހުރިކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް މީޑިއާ މެދުވެރިކޮށް ވަނީ ހިއްސާ ކުރައްވާފަ އެވެ.