ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކި ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތިން މެމްބަރަކު ސޮއި ކުރައްވާ ސިޓީގެ ވަނީ ފޮނުއްވާފަ އެވެ. އެސިޓީ ފޮނުއްވާފައިވަނީ މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝަން، ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަޙްމޫދު އަދި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ރާއީ އެވެ.
މަޖިލީހުގެ ރައީސް ނަޝީދުއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުން ދާތީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިތުބާރު ނެތް ކަމަށް ހުށައަޅާ ކަމަށެވެ.
ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މި ފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވާލާފައި ވެ އެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.
ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައަށް ހައްޔަރުކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަށް ފުލުހުން އިދާރާ އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފަ އެވެ.
މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނަރަލަށް ފެނިއްޖެނަމަ އޭނާ ކަމަށް އެ ގަނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
އަދި އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެންބަރަކު ހައްޔަރުކޮށްފިނަމަ ހައްޔަރުކުރި ފަރާތުން ލަސްނުކޮށް މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އަންގަންވާނެ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ޕީޖީގައި އީސާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނު ނަމަވެސް އެ މައްސަލާގައި ފުލުހުންނާއި ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަނިޔާވެރިޔާ ހައްޔަރުކުރޭ!
** އީސާ އަށް ހަމަހޭގައި ހުރެގެންތާދޯ.